ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އާއި އއ. އަތޮޅު ކައުންސިލް ގުޅިގެން ބޭސިކް ފުޓްބޯލް ރެފްރީޒް ތަމްރީން ކުރާ ކޯހެއް ބާއްވައިފި އެވެ.

އއ. މަތިވެރީގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ކޯހުގައި އެ އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ހުރިހާ ރަށަކުން ބައިވެރިވި އެވެ. އެ އަތޮޅުގައި މީހުން ދިރިއުޅެނީ އަށް ރަށުގަ އެވެ.

އެ ކޯހުގައި އއ. އަތޮޅުގެ ހަތް ރަށަކުން ޖުމްލަ 19 ފަރާތެއް ބައިވެރިވި އިރު، ކޯހުގައި ބައިވެރިވި ހުރިހާފަރާތަކުން ވެސް ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ހޯދި އެވެ. އެގޮތުން އެފްއޭއެމުން ގަބޫލްކުރާ، އެ އިދާރާގެ ރެފްރީސް ބެޖް ލިބުނީ އަށް ފަރާތަކަށެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ސަމީރު ވިދާޅުވީ، އެފްއޭއެމްގެ އެހީތެރިކަމާ އެކު އަތޮޅުގައި ރެފްރީޒް ތަމްރީން ކުރާކޯހެއް ނިއްމާލުމުން އަތޮޅުގައި ބާއްވާ މުބާރާތްތަކަށް ރެފްރީން ހޯދުމުގައި ކުރިން ކުރަމުންއާ ދަތިތަކަށް މިހާރު ލުއިކަމެއް ލިބުނު އިރު، ކޯސް ފުރިހަމަ ކުރި ފަރާތްތަކުން އަތޮޅުގައި ބާއްވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި އެރެފްރީން ކުރިއަށް އޮތްތާގައި ފެންނާނެ ކަމަށެވެ. އަދި މިކޯސް ފުރިހަމާކަމާ އެކު ނިމާލެވުމުން އެފްއޭއެމް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އއ. އތޮޅު ކައުންސިލުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ، އެކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވީ އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރު މެލޭޝިއާގެ އާމިރު ޝަރަފުއްދީނެވެ.