ފިރިމީހާ އަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިން ކަމުގެ ތުހުމަތުގައި ނ. ފޮއްދޫ ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ފޮއްދޫގައި ދަތުރު ކުރުމަށް ދެ ލޯންޗު އޮންނަ އިރު އެ ކޯޓުގެ ދަތުރުތައް ލިބެނީ ފޮއްދޫ ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ފޮއްދޫ މީނާޒު، ނާޒިމާ ހަމީދުގެ ފިރިމީހާ އަށް ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުނު ކަމަށެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ނާޒިމާ އޭނާގެ ފިރިމީހާގެ ލޯންޗުން ކޯޓުގެ ބޭނުމަށް ވަރަށް ގިނަ ދަތުރުތަކެއް ކޮށްފައިވާކަން އެކޮމިޝަންގެ ތަހުގީގުން އެނގެން އޮންނަ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކޮށްފައި ވަނީ އޭސީސީ އިން ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނިކޮށް ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ވަރަށް ގިނަފަހަރު އެގޮތަށް ކަންތައް ކޮށްފައި ވަނީ، އޭސީސީ އިން ލިޔުމުން ހުއްދަ ހޯދައިގެން ނޫނީ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާކަން ނޭނގޭތީ ކަމަށާއި އެކަން އެނގުނު ފަހުން އޭނާގެ ފިރިމީހާގެ ލޯންޗުން ކޯޓުގެ ދަތުރުތައް ނުކުރާ ކަމަށް ނާޒިމާ ބުނެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ނޭނގުމަކީ އެއްވެސް މީހަކު ޒިންމާ އިން ބަރީއަވެވޭނެ ކަމެއް ނޫން ކަމަށާއި ނާޒިމާ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފިރިމީހާ އަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ޝަފައީ އަދި ކިތާބީ ހެކިތަކުން އެނގޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

މިކަމާ ގުޅޭ ގޮތުން ނާޒިމާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.