31 Oct 2026, 17:00

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަރުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް ނިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 15 އިންސައްތައަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ އެ އުމުރުފުރާގެ ފިރިހެން ފަތުރުވެރިންނެވެ.
ތަފަސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 65 އަހަރުން މަތި ނޫން ހުރިހާ އުމުރުފުރައަކުން ވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އަންހެން ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ---
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،775،974 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 74 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ރިސޯޓުރަކުގައެވެ. އެއީ 1،292،053 ފަތުރުވެރިންނެވެ. ދެވަނައަށް 21.6 އިންސައްތަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިތު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ހޮޓެލްތަކަށެވެ. އެއީ 39،112 ފަތުރުވެރިންނެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ ކީ މާކެޓުތަކަށް ބަލާލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 18.9 އިންސައްތައާއެކު ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫކޭއިންނެވެ.
މީގެ އިތުރުން ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމެއްގެ ގޮތުގައި ޖަރުމަނު އޮތްއިރު ފަސްވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިޓަލީއިންނެވެ. އަދި މީގެ ކުރީން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށްވާ އިންޑިއާ އަދިވެސް އުޅެނީ ލިސްޓުގެ ހަވަނައިގައެވެ.