މާލިއްޔަތު ގާނޫނާ ހިލާފަށް 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ ބަޖެޓް ސަޕޯޓެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ނެގި މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ފިނޭންސް މިނިސްޓަރުގެ އަބްދޫﷲ ޖިހާދުގެ މައްސަލައެއް ބަލައިދިނުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ދިއްދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަހުމަދު ސަމީރު މިއަދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ބީއެމްއެލުން ނަގާފައިވާ އެ ލޯނަކީ 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި އިރު ނެގުމަށް މަޖިލީހަށް ހުށަހެޅި ލޯންތަކާއި ފަރަގުތަކެއް ހުރި ލޯނެއް ކަމަށް ކައުންސިލާ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށެވެ. އަދި އެފަދަ ލޯނެއް ނުނެގޭނެ ކަމަށް މަޖިލީހާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް ފިނޭންސް މިނިސްޓްރީ އަށް ޖަވާބު ދީފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ އެލޯނުގެ މައްސަލަ މާލިއްޔަތު ކޮމިޓީއާ ހަމައަށް އައިސްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އޮޅުވާލުމެއްގެ ތެރޭގައި ކުރިއަށް ނަގަން އުޅޭ ލޯނެއްގެ ގޮތުގައި ކަމަށެވެ.

"ހަގީގަތަކީ އެ ލޯން ނެގުމަށްޓަކައި އެ މައުލޫމާތު މާލިއްޔަތު ކޮމިޓީއާ ހަމައަށް ގެންނަވާފައި ވަނީ ކުރިއަށް ނަންގަވާ ލޯނެއްގެ ގޮތުގައި. ނަމަވެސް ހިތާމަކުރަން ޖެހޭ ކަމަކީ އޮޅުވާލުމާއި މަކަރާއި ހީލަތްތެރިކަމުން އެކަންކުރަން މަސައްކަތް ކޮށްފައިވާކަން. އެއީ އެލޯން ނެގުމަށް ފަހު އަދި އެލޯނުގެ ދެބައިކުޅަ އެއްބައި ބޭނުންކުރުމަށް ފަހު އެލޯން ނެގުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމުގައި އަޅުގަނޑު ދެކެން،" ސަމީރު ވިދާޅުވި އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ހިއްސާ އެކުލެވިގެންވާ ފައިސާ ކަމުގައިވާ އިރު ދައުލަތުގެ ފަރާތުން އެބޭންކުން ފައިސާ ނެގޭނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް މާލިއްޔަތުގެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގައި ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް، އަދި އެމަޖިލީހަށް އޮޅުވާލައިގެން އެލޯން ނެގި ކަމަށް ވެސް އޭނާ ވަނީ އެ ގަރާރުގައި ތުހުމަތު ކުރައްވައިފަ އެވެ.

ސަމީރު ވިދާޅުވެފައި ވަނީ ސަރުކާރުން އެ ލޯން ނަގާފައި ވަނީ އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހަހެޅުމުގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި ބީއެމްއެލް އިން ނެގި އެ ލޯން އެމްއެމްއޭގައި އޮންނަ ފިނޭންސް މިނިސްޓްރީގެ އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާ ކަމަށެވެ.

އެލޯންގެ އިންޓަރެސްޓާ އެެރޭންޖްމަންޓްގެ ފީއާ އެކު ޖުމްލަ 4384 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ބޭންކަށް ދައްކަންޖެހިފައިވާ ކަމަށާއި ރައްޔިތުން ހިއްސާވާ ބޭންކުން ސަރުކާރަށް އެހާ ގިނަ އަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ނެގުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރި އާއި ރައްޔިތުންގެ ގެދޮރު އިމާރާތް ކުރުމަށާއި މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ލޯން ދޫކުރުމަށް ބޭނުން ކުރަން ހުރި ފައިސާ ސީދާ ރައްޔިތުންނަށް ފައިދާއެއް ލިބުމުގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ދިގު މުއްދަތަކަށް ތާށިވެފައި ހުރުމަކީ ރައްޔިތުންނާއި އެ ބޭންކުގެ ހިއްސާދާރުން ކަންބޮޑުވާނެ ކަމެއް ކަމަށް ވެސް އެގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރުގެ ފުރަތަމަ މަޖިލީހަށް ހުށަހަޅައިފައި ވަނީ 18 ޖުލައި 2012 ވަނަ ދުވަހު އެވެ.