09 Oct 2012, 12:08
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުން މެންބަރުންނަށް އޮތް ނުރައްކަލުގެ "ތްރެޓް" ބެލުމަށްޓަކައި އަނެއްކާ ވެސް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
ނަމަވެސް މިއަދު ކޮމިޝަރު ހާޒިރު ކުރި ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.
ޕޮލިސް ކޮމިޝަނަރު މިއަދު ކޮމެޓީ އަށް ހާޒިރު ކުރި އިރު ރޭ ބޭއްވި 241 ކޮމެޓީ އަށް ވެސް އެމަނިކުފާނު ހާޒިރުވުމަށް އަންގާފައިވެ އެވެ. ނަމަވެސް ރޭގެ ކޮމެޓީއަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ، ރިޔާޒް ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އޭނާ ފޮނުއްވެވި ސިޓީއާ ހަވާލާ ދެއްވައި ކޮމެޓީގެ މެންބަރަކު ވިދާޅުވީ މާލެ ތެރޭގެ ހާލަތު ހުރި ގޮތުން ކޮމެޓީ އަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރިޔާޒްގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކޮމެޓީ އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އަރްފާޝީމްގެ އަވަހާރަކޮށްލި މައްސަލާގައި ޕޮލިސް ކޮމިޝަނަރު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމި އިރު، އެންމެ ފުރަތަމަ ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ފުލުހުން މެންބަރުންނަށް ދެއްވަމުންދާ ސެކިއުރިޓީއާ މެދު ސުވާލު އުފައްދާފަ އެވެ. ކޮމެޓީގެ ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މެންބަރުންނަށް ނުރައްކާތައް ދިމާވާ ހާލަތްތަކުގައި މެންބަރުންގެ ހަށިފާރެވެރިނަށް ލިބޭ ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.