ކޯސްޓްލައިން އިންވެސްޓްމަންޓުން ބ. އަތޮޅު ދަރަވަންދޫގައި ތަރައްގީކުރަމުންދާ އަދި އައިލެންޑް އޭވިއޭޝަނުން ހިންގުމާ ހަވާލުވެފައިވާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމުގެ ގޮތުން ޓިކެޓް ވިއްކަން ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަން(އައިއޭއެސް)ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ މިމަހު 15 ވަނަ ދުވަހު ދަރަވަންދު އަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މިއަދު ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ޓިކެޓް ވިއްކަމުން ގެންދަނީ އެއްކޮޅު ޓިކެޓެއް 800ރ. އަށް ކަމަށާއި އަދި 48 ގަޑި އިރު ކުރިން ޓިކެޓް ނަގާ ނަމަ 750ރ. އަށް ކަމަށެވެ. އަދި ފުރަތަމަ ދަތުރުތައް ފަށާ އިރު ދަތުރުތައް ކުރަނީ ހޯމަ ދުވަހާއި ބުދަ ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަޅުގަނޑު މިދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން، އެގޮތުން މުއައްޒިފުން ތަމްރީނުކުކުރުގެ މަސައްކަތް ވެސް ވަނީ ކޮށްފައި، ދެން ޓެސްޓް ފުލައިޓް ޖެއްސުމަށް ނިންމާފައި ވަނީ މިއަންނަ ހޮނިހިރު ދުވަހު،" ނަޝާތު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެއާޕޯޓަށް ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އަދި ކައިރި މުސްތަގުބަލެއްގައި ރަސްމީކޮށް އެއާޕޯޓް ހުޅުވާނެ ކަމަށެވެ.