09 Oct 2012, 11:20
ސަރުކާރުގެ އިދާރާތަކާއި އާންމުކޮށް މީހުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދު މިއަދު ގެޒެޓްކޮށްފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފަށާ އެ ގަވާއިދުގައި މަގުމަތިން ވަދެ މަގުމަތިން ނުކުމެވޭގޮތަށް ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަޑައަޅައިފަ އެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެ ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފަ އެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތައް ވެސް ހިމެނެވެ.
އެގަވާއިދުގައި ވާގޮތުން ފެރީ އުޅަނދު ނޫނަސް އާންމުކޮށް އެ އުޅަނދެއްގައި މަސައްކަތް ކުރާމީހުން ފިޔަވައި އެހެންމީހުން ގޮވައިގެން ދަތުރުކުރާއިރު އެފަދަ އުޅަނދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
މުދާ އުފުލުމަށާއި ފަސިންޖަރުން އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޚާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ގަވާއިދުގައި މަނާކޮށްފައިވާ ކަމެކެވެ.
މީގެ އިތުރުން ޚިދުމަތް ލިބިގަތުމަށް އާންމުކޮށް މީހުން ވަންނަންޖެހޭ ތަންތަނާއި އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން އެ ގަވާއިދުގައި ވަނީ މަނާކޮށްފަ އެވެ.
ގަވާއިދުގައި ބުނާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަނަށް ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. އަދި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ، ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަން އަންގައިދޭ ލިޔުން ބައްޓަންޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެ އެވެ.
އެ ގަވާއިދުގެ ދަށުން އެލިޔުން ނުބަހައްޓާނަމަ ފުރަތަމަ ފަހަރަށް އެ ފަރާތެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާއްމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.