09 Oct 2012, 10:31
ކޯޓަށް ހާޒިރުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ އިރު ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން އެކަން ކުށްވެރިކޮށްފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރުކުރި އިރު އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އެކަމަށް ހުރަސް ނާޅާއިރު ބައެއް ފުލުހުން ހަމަނުޖެހުން ހިންގި ކަމުގެ ރިޕޯޓްތައް ލިބިފައިވާތީ އެމްނެސްޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ އެމްނެސްޓީގެ ރިސާޗަރު އައްބާސް ފާއިޒުއާ ހަވާލާދީ އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހައްޔަރުކުރުމުގެ ތެރޭގައި އެ މަނިކުފާނު ހުންނެވި ގެއަށް ގެއްލުންދީފައިވާ ކަމަށާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމުގެ މޫނުފުޅަށް ޕެޕާ ސްޕްރޭ ވެސް ޖެހިކަމަށް މަންޒަރު ދުށްމީހުން ބުނާ ކަމަށެވެ.
"މަންޒަރު ދުށްމީހުން ބުނި ގޮތުގައި ހައްޔަރުކުރުމުގެ ތެރޭގައި ނަޝީދު ހުންނެވި ގެއަށް ގެއްލުން ދިނެވެ. އަދި ބޭރުގައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް ހަމަލާދިނެވެ. އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާގެ ގައިގާ ޖަހައި، މޫނަށް ޕެޕަސްޕްރޭ ޖެހި އެވެ،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދާ ދެކޮޅަށް ކުރަން އުޅޭ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށް ވެސް އެމްނެސްޓީން ތުހުމަތުކޮށްފައި ވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ބަޔާނާ ގުޅިގެން ފުލުހުން ބުނީ އެ ބަޔާނަކީ ދެފަރާތުގެ ބަހެއް ނުހޯދައި ނެރެފައިވާ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައިވާ ބަޔާނެއް ކަމަށެވެ. އަދި އެބަޔާނުގައި ހަގީގަތާ ހިލާފު ވަރަށް ގިނަ ވާހަކަތައް ހިމަނާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
" އެބަޔާން އެއޮތީ ހަމަ އެންމެ ފަރާތަކުން ދެއްކި ވާހަކަތަކަށް ބިނާކޮށްފައި، އޭގައި ވަރަށްގިނަ ދޮގު ވާހަކަތައް ވެސް އެބަހުރި، ފުރަތަމަ ކަމަކީ އިއްޔެގެ އޮޕަރޭޝަނުގައި ޕެޕަސްޕްރޭ ނުވަތަ ޓިއަގޭސް ފަދަ އެއްވެސް އެއްޗެއް ފުލުހުން ބޭނުންކޮށްފައެއް ނުވާނެ،"ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަ އެކަނި އެންމެ ފަރާތެއްގެ ބަހަކަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އެފަދަ ބަޔާނެއް ނެރެފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ބަޔާނެއް ނެރޭ ނަމަ ރަނގަޅު މައުލޫމާތު ހޯދުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށާއި އެފަދަ ޖަމާއަތްތަކަށް މައުލޫމާތު ދެއްވާ ބޭފުޅުން ވެސް ތެދު މައުލޫމާތު ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ބައިނަލް އަގުވާމީ އެފަދަ އެންޖީއޯތަކަށް މައުލޫމާތު ދެއްވާ ބޭފުޅުން ވެސް ތެދު މައުލޫމާތު ނޫނީ ނުދެއްވުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ހަނީފު ވިދާޅުވި އެވެ.