ގުރުއާނުގެ މުސްހަފުތަކެއް މާދަމާ އެންދުމަށް އެމެރެކާގެ ފައްޅިއަކުން ރާވާފައިވާ ހަރަކާތާއި ގުޅުވައިގެން ހަރުކަށި ޢަމަލެއް ހިންގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ހައްދު ފަހަނަ އަޅާފައިވާ ގޮވާލުމެއް ކަމުގައި ދެކި އެ ގޮވާލުން އީދު ޚުތުބާގައި ކުށްވެރިކޮށްފަ އެވެ.


އިސްލާމީ މަރުކަޒުގައި މިއަދު އީދު ޚުތުބާ ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދީނުގެ އަދާވާތްތެރިންނާއި އިންސާނުގެ ދުޝްމަނުން ހުރިހާ ޒަމާނެއްގައި ވެސް ދިޔައީ އެފަދަ ހަރަކާތްތައް ރާވަމުން ކަމަށާއި އެފަދަ ރޭވުމެއްގެ ޝިކާރައެއްގައި އަޅުގަނޑުމެން ޖެހިގެންނުވާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ އެފަދަ ކަންކަމުގައި އަޅުގަނޑުމެން ތިބެންޖެހޭނީ ކީރީތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އަޚްލާގިއްޔާގެ ތެރޭގައި ކަމަށެވެ.


އެފަދަ މަތިވެރި ފޮތެއް އަންދާލުމަށްޓަކައި ގޮވާލެވުނު ގޮވާލުމަކީ އިންސާނީ ހައްގުތަކާއި އަޚްލާގިއްޔަތުގެ ތަރަހައިން ބޭރުވެފައިވާ ހައްދު ފަހަނަ އަޅާފައިވާ ގޮވާލުމެއް ކަމުގައި ދެކި އެ ގޮވާލުން މިއަދުގެ އީދު ޚުތުބާގައި ވަނީ ކުށްވެރިކޮށްފަ އެވެ.


އެމެރިކާގެ ޓުވިން ޓަވާ ގޮއްވާލި ހާދިސާއަށް ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނާއި އިސްލާމުންނާ ދެކޮޅަށް ހިތުގައިވާ ދެކޮޅުވެރިކަން ދެއްކުމުގެ ގޮތުން އެމެރިކާގެ ސިޓީއެއް ކަމަށްވާ ފްލޮރިޑާގެ ފައްޅިއަކުން މާދަމާ ކީރިތި ގުރުއާން އެންދުމަށް ނިންމައިފައިވާތީ، އެކަން ކުށްވެރިކޮށް، ޑީއާރްޕީ އާއި އަދާލަތު ޕާޓީން ވެސް ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.


ޑީއާރްޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކީރިތި ޤުރުއާން އަންދާލުމުގެ ގޮތުން އިސްލާމްދީނުގެ ޢަދާވާތްތެރިން ބާއްވާ މުނާސަބާއެއް އިޢްލާންނުކުރަމުން އެބަގެންދާ ކަމަށާއި އެބައިމީހުން ކުރަން އުޅޭ ނޭއްގާނީ ޢަމަލަކީ ޝަރުޢީ ވަރަށްބޮޑު ޖަރީމާއެއް ކަމަށެވެ. އެހެންކަމުން އެ ބޮޑު ޖަރީމާ ފާހަގަކުރުމަކީ ޑީއާރުޕީގެ ދީނީ ގޮފީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވުމަށްޓަކައި ކޮންމެ މުސްލިމަކު ވެސް އެ މީހަކަށް ވެވުނު މިންވަރަކުން އެމީހަކަށް ކުރެވުނުހާ މަސައްކަތެއް ޝަރުޢީ އިމުގެ ތެރެއިން ކުރުމުގައި ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.


ކީރިތި ޤުރުއާނުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލައި، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ މަތިވެރި ފޮތެއް އަންދާލުމަށްޓަކައި ފައްޅިއަކުން ގޮވާލި ގޮވާލުމަކީ "އިންސާނީ ޙައްޤުތަކާއި އަޚްލާޤިއްޔާތުގެ ތަރަހައިން ބޭރުވެފައިވާ ޙައްދުފަހަނައަޅާފައިވާ ގޮވާލުމެއް" ކަމަށެވެ. އަދި އެގޮވާލުން އެންމެ މަތީ ދަރަޖައިގައި ޢަދާލަތު ޕާޓީން ކުށްވެރިކުރާ ކަމަށާއި އެފަދަ ގޮވާލުމެއް ގޮވާލި މީހުންނަކީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޢަދުލުވެރިކަމުގެ ހަމަތަކާއި އަޚްލާޤީ އުސޫލުތަކާ މެދު ޣާފިލުވެފައިވާ ބައެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.


ކީރިތި ޤުރްއާނަކީ އަބަދަށް ދެމިގެންވާ ﷲގެ މަތިވެރި މުޢްޖިޒާތެއް ކަމަށާއި އެ ފޮތް އަންދާލަން މަސައްކަތްކުރުމަކީ އިރަށް ކުޅުޖެހުން ފަދަ ކަމެއް ކަމަށް ވެސް އަދާލަތުން ސިފަކޮށްފައިވެ އެވެ.


މުސްލިމުންގެ ފިތުރު އީދާ ދިމާކޮށް ގުރުއާނުގެ ކޮޕީތަކެއް އެންދުމަށް ފައްޅިއަކުން ތައްޔާރުވަމުންދާ މައްސަލައާ ދެކޮޅަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ، އެކަމަކީ ޕާކިސްތާން އަދި އަފްގާނިސްތާނު ފަދަ މުސްލިމް ގައުމުތަކުގައި ހަމަނުޖެހުންތައް ހިނގައި، އެގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ނޭޓޯގެ ސިފައިންނަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި އެކަން ނުކުރުމަށް އޮބާމާ ގޮވާލެއްވި އެވެ. އެމެރިކާގެ ވެރިންނާއި، ނަސާރާ ދީނުގެ އެންމެ މަތީ ފަންތީގައިވާ ވެޓިކަން އާއި އަސްކަރިއްޔާ އިން ވެސް އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާފައިވީ ނަމަވެސް، އެކަން ރާވަމުންދާ ފައްޅިން ބުނަމުންދަނީ، އެކަން ހުއްޓާނުލާނެ ކަމަށެވެ.