ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާ ގުޅިގެން އިއްޔެ ގދ. ފަރެސްމާތޮޑާ އިން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ސަލާމަތާއި ރައްކާތެރިކަމާއެކުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓުން ކުރި އަމުރަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންްދިޔުމަށް ފުލުހުން ހިންގި އޮޕްރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުން ޢަމަލުކުރަމުންދާ ޢާއްމު އުސޫލުތަކާ އެއްގޮތަށް ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

"ފުލުހުން އެ ގެއަށްގޮސް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ ޢަމުރު އޮތްކަން ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް އެމަނިކުފާނު ހުންނެވި ކޮޓަރީގެ ބޭރުގައި ތިބެގެން އަޑުހަރުކޮށް ދަންނަވައި އެ އަމުރާ އެއްގޮތަށް ސުލްޙަވެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގަތުމަށް ދެންނެވުމުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެފަދަ ޙާލަތުގައި ފުލުހުން ޙަރަކާތްތެރިވުމުގައި ޢަމަލުކުރާ އުޞޫލުން އެވަގުތު ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ހުންނެވި ކޮޓަރީގެ ދޮރުފަތް ގަދަކަމުން ހުޅުވުމަށް ފަހު އެމަނިކުފާނު ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނެވެ،" ފުލުހުން ބުންޏެވެ.

އަދި ބުނެފައި ވަނީ ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ފުލުހުން މުއާމަލާތްކުރަން ޖެހޭ ފަރާތްތަކާއި މުޢާމަލާތްކޮށްފައި ވަނީ އެ ކަމަށް ދިޔަ ޓީމުގައި އިސްކޮށްތިބި ފުލުހުން ކަމަށާއި އަދި އެފަރާތްތަކާ މުއާމަލާތް ކޮށްފައި ވަނީ ރީތި ބަސްމަގު ބޭނުންކޮށްގެންނެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އެއްވެސް މީހެއްގެ ނަފްސަށް ނުވަތަ ޖިސްމަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

"ގދ. ފަރެސްމާތޮޑާގައި ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލުމަށް ފަހު ކުރީގެ ރައީސް ގ. ކެނެރީގޭ މުޙައްމަދު ނަޝީދާ އެކު ފުލުހުންގެ ލޯންޗުގައި ފުރައިގެން ދަތުރުކޮށްފައި ވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމަކާއި ކުރިމަތިނުލައި ވަރަށް ޞުލްޙަވެރިކަމާ އެކުގަ އެވެ. މިކަމުގައި ގދ. ފަރެސްމާތޮޑާގެ ރައްޔިތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދީފައިވާކަން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ އޮޕްރޭޝަންގެ ކަންކަން ހިނގަމުންދިޔަ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށާއި އަދި ދޫނިދޫ އަށް ގެންދިޔަ ވަގުތުން ފެށިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނަށް އެ އޮޕްރޭޝަން ކުރިޔަށް ގެންދާގޮތް މޮނީޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާ އިރު ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެމަނިކުފާނުގެ ޢާއިލާ އާއި ޤާނޫނީ ވަކީލުންނާއި ބައްދަލުވުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދައުލަތުން ކުރާ ދައުވާއަކަށް އެމަނިކުފާން ކޯޓަށް ހާޒިރުކުރުމަށްޓަކަ އެވެ. އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނާއި ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހއްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 2000ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ތިން އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށެވެ.