ވާޖީނިޔާ (އޮކްޓޯބަރ 9): އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ މައްސަލައިގައާއި ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފޭލްވެވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިޓްރުމްނީ ތުހުމަތުކުރައްވައިފި އެވެ.

ވާޖީނިޔާގެ ޢަސްކަރީ ބޭހެއްގައި އިއްޔެ ކުރެއްވި ކޭންޕޭން ތަޤްރީރެއްގައި ރޮމްނީ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މައްސަލަ ކޮޅެއްގައި ޖެއްސުމުގައި އޮބާމާ ފޭލްވެވަޑައިގެންފައިވާ އިރު ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނުބައިން ނުބައަށް ގޮސް ސޫރިޔާގެ ހަނގުރާމަ އެހެންޤައުމުތަކަށް ފުޅާވެ އެހަނގުރާމައިގާ އަލްޤާޢިދާ ފަދަ ޖަމާޢަތްތަކުގެ ހަރުކަށި ހަނގުރާމަވެރިން ބައިވެރިވާން ފަށާފައި ވަނީ އޮބާމާގެ ސިޔާސަތުތަކުގެ ދޯދިޔާ ކަމުންނެވެ. ރޮމްނީ ވިދާޅުވީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ކަންތައްތައް ކުރިޔަށްގެންދިޔުމުގައި ވެސް އޮބާމާ ފޭލްވެވަޑައިގެންފައިވާ ކަމަށާއި މެދުއިރުމައްޗަށް އައި ބަދަލުތަކާ އެކު އެ ސަރަޙައްދުގައިވާ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުން އަރާފައިވަނީ ވެސް އޮބާމާގެ ވެރިކަމުގައި އޭނާގެ ޚާރިޖީ ސިޔާސަތުގެ ދޯދިޔާ ކަމުން ކަމުގަ އެވެ.

ސޫރިޔާގެ މައްސަލައަށް ވަރަށް ބޮޑަށް ބައްލަވާލައްވަމުން ރޮމްނީ ވިދާޅުވީ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ވެއްޓެންޖެހޭ ކަމަށާއި ސޫރިޔާ ރައްޔިތުންގެ ޙައްޤުގައި އޭނާ ބޮޑެތި ޤަތްލުޢާންމުތަކެއް ހިންގާފައިވާ ކަމުގަ އެވެ. ހަމައެފަދައިން ސޫރިޔާގެ ހަނގުރާމައިގާ އަލްޤާޢިދާ ފަދަ ޖަމާޢަތްތަކުގެ ހަރުކަށި ހަނގުރާމަވެރިން ބައިވެރިވަމުންދާ ދިޔުމަކީ ވެސް އެމެރިކާ ކަންބޮޑުވާކަމެއް ކަމަށާއި އޭނާގެ ވެރިކަމުގައި ބައްޓަންކުރާނީ މިކަންކަން ޙައްލުކުރެވޭ ފަދަ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ކަމަށް ރޮމްނީ ވިދާޅުވި އެވެ. ރޮމްނީގެ ވާހަކާގާއި އޭނާގެ ވެރިކަމެއްގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބައިބައިވެފައިވާ ސޫރިޔާގެ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވައި ރައީސް ބައްޝާރަށް ވަރަށް ބޮޑު ފިއްތުންތަކެއް ކުރިމަތިކުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލާގައި އިތުރަށް ރޮމްނީ ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމްކުރުމަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް މިއީ އިސްރާއީލާ އެކު ސުލްޙަވެރިކަމުގައި ދިރުއުޅެވޭނެ ދައުލަތަކަށް ވާންޖެހޭނެ ކަމުގަ އެވެ. ރޮމްނީގެ ވާހަކަތައް ބައްޓަންކުރައްވަމުން ގެންދަވަނީ ޙަޤީޤަތަށް ވުރެ އެމެރިކާގެ ރައްޔިތުންގެ ހިތްތަކާ ކުޅެލުމަށް ކަމަށް އޭނާގެ ތަޤްރީރުތައް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ. (ނޫސްއެޖެންސީތައް)