09 Oct 2012, 09:27
ޓެލްއަވީވް (އޮކްޓޯބަރ 9): މިސްރާއި އިސްރާއީލުން ސޮއިކޮށްފައިވާ ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާ އަށް ބަދަލުނުގެނެވޭނެ ކަމަށާއި މިކަމަށް ކަނޑައެޅިގެން އިސްރާއީލު ދެކޮޅު ހަދާނެ ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގިޑޯ ލިބަރމެން ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ މީޑިޔާ އަށް އިއްޔެ ދެއްވި ބަޔާނެއްގައި ލިބަމެން ވިދާޅުވީ މިމުޢާހަދާ އަށް ބޭނުންވާހާ ބަދަލުތަކެއް ގެނެވޭނެ ކަމަށް މިސްރު ވެސް އަދި އެހެން ފަރާތަކުން ވެސް ހީކޮށްގެން ނުވާނެ ކަމަށާއި މިކަމާބެހޭ ގޮތުން މިސްރުން ދެމުންގެންދާ އިޝާރާތްތަކާ މެދު އިސްރާއީލު ކަންބޮޑުވާކަމުގަ އެވެ. ކޭމްޕް ޑޭވިޑް ސުލްހައިގެ މުޢާހަދާ އަށް ބަދަލުގެންނަން ބޭނުންވާކަން މިސްރުގެ މިހާރުގެ ސަރުކާރުން ހާމަކުރުމުން އިސްރާއީލުގެ މޑީޔާގައި ވެސް ވަނީ އެކަމާ މެދު ކަންބޮޑުވާކަން ހާމަކޮށް ރިޕޯޓްތައް ޝާއިޢުކޮށްފަ އެވެ.
މިކަން ހާމަކުރައްވަމުން މިސްރުގެ ރައީސް މުޙައްމަދު މުރްސީގެ ތަރްޖަމާން މުޙައްމަދު ސައިފުއްދަވްލާ ވިދާޅުވީކޭމްޑޭވިޑް ސުލްހައިގެ މުޢަހަދާގައި މިސްރުގެ ޤައުމީ މަސްލަހަތަށާއި ސިޔާދަތަށް އުނިކަންލިބޭ އެތައްކަމެއް އެބަހުރި ކަމަށާއި މިކަންކަން އިސްލާޙް ކުރެވޭގޮތަށް މިމުޢާހަދާ އަށް ބަދަލުގެނައުމާ މެދު މިސްރުން ވިސްނަމުންގެންދާ ކަމުގަ އެވެ. ކޭމްޕް ޑޭވިޑް މުޢާހަދާއަކީ 1978ގައި މިސްރުގެ އޭރުގެ ރައީސް އަންވަރުއްސާދާތާއި އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު މެނާޙިމް ބޭގިން ސޮއިކުރެއްވި މުޢާހަދާއެކެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވީ އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓަރެވެ. މިމުޢާހަދާގައި ސޮއިކޮށްފައި ވަނީ ވޮޝިންޓަންގެ ކޭންޕްޑޭވިޑްގަ އެވެ.
އިސްރާއީލަށް މިސްރުން އިޢްތިރާފްވެ ދެޤައުމުގެ ދެމެދުގައި ކުރެވެމުން ދިޔަ ހަނގުރާމަތައް ނިމުމަކަށް އައީ މިމުޢާހަދާގެ ސަބަބުންނެވެ. ކޭމްޕް ޑޭވިޑް ސުލްޙައިގެ މުޢާހަދާގައި ހިމެނޭ މިސްރުގެ ޤައުމީ މަސްލަޙަތާ ފުށުއަރާ މާއްދާތަކުގެ ތެރޭގައި ސީނާ ބިމުގެ ބޮޑުބައެއްގައި މިސްރުގެ ސިފައިން ތިބުން މަނާވެފައިވުމާއި މިސްރުގެ އިރުމަތީ ސަރަޙައްދީ ރޮނގު ދިފާޢުކުރުމުގެ ފުރިހަމަ ބާރު މިސްރަށް ލިބިފައިނުވުން ހިމެނޭ ކަމަށް މިސްރުގެ ރައީސް މުޙައްމަދު މުރްސީގެ ސަރުކާރުން ބުނެ އެވެ. މިމާއްދާތަކަށް ބަދަލުގެނައުމާ ބެހޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް ރައީސް މުރްސީގެ އަރިހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މިސްރުގެ ރިޔާސަތުންވަނީ ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)