09 Oct 2012, 09:18
ޓެކްސް ނުދައްކައިގެން ފަސް ފަރާތެއްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާ އިން އެދެފި އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ޓެކްސް ނުދައްކާ ފަރާތްތަކަށް ދިން އެއް މަސްދުވަހުގެ ނޯޓިސް އަށް ފަހު ވެސް އެ ފައިސާ ނުދައްކާ 37 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކުރުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މީރާ އިން ވަނީ ފަސް ފަރާތެއްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން މަރުކަޒީ ބޭންކުގައި އެދިފަ އެވެ.
"އެ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ބަލާފައި އެ ފައިސާ ހިފެހެއްޓުމަށް އަޅުގަނޑުމެން މިހާރު ވާނީ އަންގާފައި،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެކައުންޓްތައް ފްރީޒް ކުރަން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެކައުންޓްގައި ފައިސާ ނެތިސް ޗެކް ދޫކުރި ފަރާތްތައް ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ހިސާބުތަކުން ދައްކާ ގޮތުން އެގޮތުން ދައުލަތަށް ވަނީ 450،000ރ. ނުލިބި އެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމުގެ އުސޫލް މީރާއިން އާންމުކޮށްފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. އެ އުސޫލުގައިވާ ގޮތުން މީރާ އިން އެކައުންޓެއް ހިފަހައްޓާނީ ފައިސާ ދައްކަން ޖެހުނު ތާރީހުން ފެށިގެން 50 ދުވަސް ހަމަވެ ފައިސާ ނުދެއްކުމުންނެވެ.
މީރާ އިން އެންމެ ފަހުން އާންމުކުރި މާލޭ ސަރަހައްދުގެ ޖީއެސްޓީ ނުދައްކައި މީހުންގެ ލިސްޓުގައި 222 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ 51 ފަރާތެއް ހިމެނެ އެވެ. މީރާ އިން މިހާރު ވެސް އަންނަނީ ޗެކްބައުންސްވާ ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް އެ މައްސަލަތައް ފުލުސް އޮފީހަށް ފޮނުވަމުންނެވެ.