ވިޓަމިން ޑީ އަކީ ރޯގާ ރަނގަޅު ކޮށް ދިނުމުގައި އެހީތެރިވެ ދޭ މާއްދާއެއް ކަމުގެ އެއްވެސް ހެތްކެއް މިހާ ތަނަކަށް ލިބިފައި ނުވާ ކަމަށް ނިއުޒިލޭންޑުގެ ސައިންސްވެރީން ބުނެފި އެވެ. ނިއުޒިލޭންޑްގެ ސައިންސްވެރީން މިހެން ބުނެފައި ވަނީ، ވިޓަމިން ޑީގެ ސަބަބުން ރޯގާ ރަނގަޅު ވޭތޯ ދިރާސާއެއް ކުރުމަށް ފަހު އެވެ.

މި ދިރާސާގެ ބޭނުމަށް، އަށާރަ މަސް ވާން ދެން ވިޓަމިން ޑީ ބޭނުން ކުރި 161 މީހުންނެކޭ، ވިޓަމިން ޑީއާ އެއް ސިފައަކަށް ހަދައިފައިވާ ނަގުލީ ބޭސް ބޭނުން ކުރި 161 މީހުންނެކޭ، ރޯގާ ޖެހުމުގައި އެއްވެސް ތަފާތެއް ނެތް ކަން ސައިންސްވެރީން ވަނީ ހާމަ ކޮށްފަ އެވެ.

ނިއުޒިލޭންޑް ސައިންސްވެރީންގެ މި ދިރާސާ ޝާއިއު ކޮށްފައި ވަނީ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ޖާނަލްގަ އެވެ. އެހެން ނަމަވެސް ރޯގާގެ ބަލިތަކުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ، އިނގިރޭސި ވިލާތުގެ ބޭފުޅުން ވިދާޅުވަނީ ވިޓަމިން ޑީއަކީ ރޯގާގެ ބަލިތައް ފަސޭހަ ކުރުމުގައި އެހީތެރިވެ ދޭ މާއްދާއެއް ކަމުގަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ފިނި މޫސުމުގައި ހަށިގަނޑުގެ ވިޓަމިން ޑީގެ މިންވަރު ދަށަށް ދާ އިރު، ވިޓަމިން ޑީ ސަޕްލިމެންޓު ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ އެވެ.

އިނގިރޭސި ވިލާތުގެ ޕްރޮފެސަރ ރޮނަލްޑް އެކްލެސް ވިދާޅުވާ ގޮތުގައި ބޮޑު މީހަކަށް އަހަރަކު ހަތަރު ފަހަރު ރޯގާގެ މައްސަލަ ކުރިމަތިވާ އިރު، ކުޑަ ކުއްޖަކަށް އަހަރަކު 10 ވަރަކަށް ފަހަރު ރޯގާގެ އުނދަގުލާ ކުރިމަތިލާން ޖެހެ އެވެ. ވިޓަމިން ޑީ ބޭނުން ކުރާ ނަމަ މި އަދަދު ދަށް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.