މާފުށީ ޖަލަށް މަސްތުވާތަކެތި ގެންދިޔަ އެތާންގެ ގާޑަކު ހައްޔަރު ކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) މިރޭ ވިދާޅުވީ ޖަލަށް މަސްތުވާތަކެތި ގެންދަނިކޮށް މާފުށީ ޖަލުގެ ގާޑަކު ހައްޔަރު ކޮށްފައި ވަނީ މިއަދު ހަވީރު 5:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލަށް އެތެރެކުރަން އުޅުނީ ބްލެޓް ސައިޒުގެ 13 ޕެކެޓް ކަމަށާއި އެތަކެތި ބެލިބެލުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ބްރައުން ޝުގާކަމަށް އެނގިފައިވާކަމަށެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގައި ތިން ގްރާމް ހުރެއްޖެކަމަށްވާނަމަ މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރެވޭނެ އެވެ. އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއި އެކު 100،000ރ. އާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.