އިންޑިޔާގެ ސަދަން އާމީ ކޮމާންޑްގެ ޖެނެރަލް އޮފިސާ ކޮމާންޑިންގް އިން ޗީފް، ލެފްޓެނަންޓް ޖެނެރަލް އޭ ކޭ ސިންގް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން އޮތް ރަނގަޅު ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެކަމަށް ޓަކައި ޝުކުރުއަދާކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި، މާލޭގައި ހުޅުވިގެން ދިޔަ މިލިޓަރީ ހޮސްޕިޓަލަށް އިންޑިޔާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ އިތުރުން، އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްޤައުމު އަނެއް ޤައުމާ މަޢުލޫމާތު ޙިއްޞާކުރުމާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވައިދިނުމަކީ ވެސް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ލެފްޓެނަންޓް ޖެނެރަލް އޭކޭ ސިންގް ގެ ވާހަކަފުޅުގައި، ދެޤައުމުގެ ދިފާޢީ ބާރުގެ ދެމެދުގައި ޤާއިމްކުރެވިފައިވާ ގާތް، އިތުބާރުބޮޑު ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި ވެސް އެއްޤައުމު އަނެއް ޤައުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވައިދިނުން މުހިންމުކަމުގައި ވިދާޅުވި އެވެ.