08 Oct 2012, 22:25
ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތް ހިންގާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ މައްސަލައަށް ރައްދުދީ ސުޕްރީމް ކޯޓުންނާއި ޖޭއެސްސީން ބަޔާނެއް ނެރެފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ސިއްރު ބައްދަލުވުމަކުން ފަނޑިޔާރުން ހާޒިރު ކުރަން ނިންމި މައްސަލާގައި ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ ފަނޑިޔާރުން އަދާ ކުރާ މަސްއޫލިއްޔަތާ ގުޅިގެން ފަނޑިޔާރުން އެކިއެކި ފަރާތްތަކަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ "ސެޕަރޭޝަން އޮފް ޕަވާ"އާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
"ތަހްޒީބުވެފައިވާ ދިމިޤުރާޠީ ދައުލަތްތަކުގައި އިސްތިޤްރާރުވެފައިވާ ދިމިޤުރާޠީ އުޞޫލުތަކާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ'ސެޕަރޭޝަން އޮފް ޕަވާސް'ގެ މަބްދައާއި އެ މަބްދައުގެ ދަށުން ޤާއިމުވެފައި އޮންނަން ޖެހޭ މިނިވަން މުސްތަޤިއްލު ފަނޑިޔާރުގޭގެ ތަޞައްވުރާ ކަނޑައެޅިގެން ޚިލާފު އަދި ދީމްޤުރާޠީ މުޖްތަމަޢެއްގައި އެއްވެސް ޙާލެއްގައި ހުއްދަނުކުރެވޭނޭ ކަމަކަށްވާތީ، މިކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ހިނގާ ސަރަޙައްދުގެތެރޭގައިވާ އެންމެހައި ފަރާތްތަކާއި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެތިބި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މި ފުރުޞަތުގެ ބޭނުން ހިފީމެވެ،" ސުޕްރީމް ކޯޓްގެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރުން ކޮމެޓީއަށް ޖަވާބު ދާރީ ނުކުރެވޭނެ ކަމަށް އިޝާރާތްކޮށް ސުޕްރީމް ކޯޓްގެ ބަޔާނުގައި ގާނޫނު އަސާސީއާއި ގާނޫނުތަކުގެ މާއްދާތަކެއް ރިޔާއަތްކޮށްފައިވެ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ފަނޑިޔާރުންގެ މައްސޫލިއްޔަތުތަކާ ގުޅޭ ގޮތުން ފަނޑިޔާރުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ގާނޫނު އަސާސީގެ 142 ވަނަ މާއްދާ ހަވާލާދީ ބުނެފައި ވަނީ އަމިއްލަ ފަރުދަކުވިއަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިއަސް ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.
ޖޭއެސްސީ މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޖޭއެސްސީ ފިޔަވައި އެހެން ފަރާތަކަށް ފަނޑިޔާރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓްގެ އެއްވެސް ރޫލިންއެއްގައި އަދި ނިންމުމެއްގައި ވެސް ޖޭއެސްސީ ފިޔަވައި އެހެން ފަރާތަކަށް ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނަށް އެނގިފައިވާ ކަމަށެވެ.
ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ނޫސްބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމާއި މަގާމުން ވަކިކުރުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ގާނޫނީ ބާރު ލިބިދީފައިވާ ހަމައެކަނި މުއައްސަސާއަކީ ޖޭއެސްސީ ކަމަށެވެ.
ނަމަވެސް މިއަދު ބޭއްވި ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމަށް ފަހު އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ"މަޖިލީހުގެ ކޮންމެ ކޮމެޓީއަކަށް ވެސް ކޮންމެ މީހަކު ހާޒިރު ކުރެވޭނެ"ކަމަށް ސުޕްރީމް ކޯޓުން ރޫލިންއެއް ނެރުއްވާފައިވާ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ބުނެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އަލީ ވަހީދު ނެންގެވީ 241 ކޮމެޓީއަކީ ސަލާމަތީ ބާރުތަކުގެ ވެރިން ޖަވާބު ދާރީ ކުރުވަންޖެހޭ ކޮމެޓީއަކަށް ވީ ނަމަވެސް އެ ކޮމެޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން މިއަދު ހާޒިރުކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން "އަމުރު" ނެރެފައި ވަނީ ހުޅުމާލޭ ކޯޓްގެ ފަނޑިޔާރުން މާދަމާ 3:45 ކޮމެޓީއަށް ހާޒިރު ކުރުމަށެވެ. ނަޝީދުގެ މައްޗަށް އުފުލާ ޖިނާއީ ދައުވާގެ ޝަރީއަތް އޮތީ މާދަމާ ހަވީރު 4:00 ގަ އެވެ.