މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ޓީޗަރުން އޯޓިޒަމަށް ހޭލުންތެރިކުރުމަށްޓަކައި އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރު )އީޑީސީ( އިން އިސް ނަގައިގެން އިންތިޒާމްކުރި ވާކްޝޮޕް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު އިފްތިތާޙް ކޮށްދެއްވައިފި އެވެ.

ޣާޒީ ބިލްޑިންގައި މިއަދު ހެނދުނު އޮތް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޯޓިޒަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ އޯޓިޒަމް ހުންނަ ކުދިންނަށްޓަކައި ކުރެވޭ ހަމައެކަނި މަސައްކަތްތަކަކަށް ވެގެން ނުވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި އޯޓިސްޓިކް ކުދިންނަށް ފަރުމާ ކުރެވިގެން މަންހަޖެއް އެކުލަވާލައި އުނގެނުމާއި އުނގަންނައިދިނުމުގެ ވަސީލަތްތައް ފަރުމާކުރަން ޖެހޭ ކަމަށާއި އެ ކުދިންނަށް އުނގެނުމުގެ މާހައުލެއް ތަރައްގީކޮށް އެ ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީންކުރަން ޖެހޭ ކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ.

އޯޓިސްޓިކް ކުދިންނަކީ ވެސް މުޖުތަމައުގެ ފަރުދުން ކަމަށާއި އެ ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ އެ ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަށް އެންމެން ވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި އިލްހާމް ވިދާޅުވި އެވެ.

ރާއްޖޭގައި މިފަދަ ކުދިން އިތުރުވަމުންދާކަން މިހާރު ވަރަށް ބޮޑަށް ފާހަގަކުރެވިފައިވުމާ އެކު އޯޓިޒަމް ކުދިންނަށް އެހީތެރިވެދިނުމަށް ޓަކައި ސަރުކާރާއި އަމިއްލަ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގައި ކުރިއަށް ނުކުންނަން ޖެހޭ ކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ.