10 Sep 2010, 06:24
މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ވާދަވެރި ޑީއާރުޕީ އާއި ސަރުކާރާ ދެމެދު މަޝްވަރާތައް ހިނގަމުންދަނީ ވަރަށް އޮމާންކަމާ އެކު، ވަރަށް ގުޅުންބޮޑު މާޙައުލެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ވާދަވެރި ޑީއާރުޕީ އާއި ސަރުކާރާ ދެމެދު މިހާރު ހިނގަމުންދާ މަޝްވަރާތަކުގެ މައްޗަށް ވެސް ބައްލަވާލައްވައި، ރައީސް ނަޝީދު ވިދާޅުވީ، ވާދަވެރި ޕާޓީތަކުގެ މެދުގައި ދެބަސްވުން ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް، ޤައުމީ ކަންކަމުގައި އެކައްޗެއް ބުނެ، އެއްބަސްވެވި، ކުރިއަށް ދެވޭނެ މަގު ފެންނަކަމީ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާވާ ކަމުގެ ވަރަށް ސާފު ސާދާ ހެތްކެއް ކަމުގައި ވެސް ވިދާޅުވި އެވެ. އަދި މިކަމަށްޓަކައި، އިދިކޮޅު ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި، އެޕާޓީގެ މެންބަރުންނަށާއި، އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށާއި އެޕާޓީގެ މެންބަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވައިފައިވެ އެވެ.
ރައީސް ނަޝީދުގެ މިއަދުގެ ރޭޑިއޯ ހިތާބުގައި، ފިޠުރުޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ޢީދާ ގުޅިގެން މުޅިރާއްޖޭގައި ވަރަށްގިނަ ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެ، މި ހުރިހާ ކުޅިވަރުތައް ވަރަށް އަމާން އޮމާންކަމާއެކު ހިތްހަމަޖެހޭގޮތަށް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޢީދު ދުވަހަކީ އެކިކަހަލަ ދެރަ އަދި ނިކަމެތި ގޮތްތައް މެދުވެރިވެފައިވާ އަޅުގަނޑުމެންގެ އަޚުންނަށާއި އުޚުތުންނަށް ދީލަތިކަމާއެކު އެހީތެރިވުމުގެ ދުވަހެއް ކަމަށާއި، މިފުރްޞަތުގައި، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި، ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި، މިޔުޒިކީ ފަންނާނުންނާއި، ފިލްމީ ތަރިންގެ އިތުރުން ކޭޓަރިން އިންޑަސްޓްރީއިން އިސްނަގައިގެން މިއަދު ފެށި 24 ގަޑިއިރުގެ ޓެލެތޯން ޝޯގެ ބައިވެރިންނަށް އެމަނިކުފާނުގެ ތަގުރީރުގައި ތަހުނިޔާ ވިދާޅުވި އެވެ.