27 Oct 2026, 17:08

ގައުމީ ވޮލީބޯލް ލީގު އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗު، ތިން ސެޓު އެއް ސެޓުން އެމްޓީސީސޫ ކާމިޔާބުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 15-25، 23-25، 25-22 އަދި 22-25 އިންނެވެ.
ފުރަތަމަ ސެޓުގެ ކުރީކޮޅު، ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް ފެނުނު ނަމަވެސް، ސެޓު ކުރިއަށްދިޔަ ވަރަކަށް ފެނުނީ އެމްޓީސީސީން ޑޮމިނޭޓުކުރި ތަނެވެ. ކައިރިކައިރީގައި އެޓީމުން ސްކޯކުރަން ފެށުމާއެކު ހުރާ ޓީމު ޕްރެޝަރަށް ވެއްޓުން ވީ، އެމްޓީސީސީއަށް ލިބުނު އިތުރު އެޑްވާންޓޭޖަކަށެވެ.

ގައުމީ ވޮލީ ލީގުގައި ކުލަބް އެމްޓީސީސީ އާއި ހުރާ ކޮމިއުނިޓީ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ
މިއާ ހިލާފަށް ދެވަނަ ސެޓު އެކީގައިވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިފައިވެއެވެ. ދެވަނަ ސެޓަށް ނުކުތްއިރު ހުރާގެ ކުޅުން، ފުރަތަމަ ސެޓާ ބަލާއިރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަން ފާހަގަކުރެވުނެވެ. މިސެޓުގައި ގިނަ ވަގުތު ލީޑުކޮށްފައި ވަނީވެސް ހުރާއިންނެވެ.
ތިންވަނަ ސެޓުގައި ފެނުނީ ހުރާ ޓީމުން ވާދަވެރިކަން އިތުރުކޮށް، ސެޓު ކާމިޔާބުކުރި ތަނެވެ. ނަމަވެސް އެމްޓީސީސީން ވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް، މެޗު ނިންމާލާފައެވެ.
މި ނަތީޖާއާއެކު އެމްޓީސީސީއަށް މިވަނީ މުބާރާތުގެ ތިންވަނަ ލިބިފައެވެ. މެޗަށްފަހު އެޓީމަށް މެޑަލް ހަވާލުކޮށްފައި ވެއެވެ.
މުބާރާތުގެ އެއްވަނަ އަދި ދެވަނަ ޓީމުތައް ޔަގީންވާނީ މުބާރާތުގެ ފަހު މެޗުގައި ޕޮލިސް ކުލަބާއި ކުލަބް ވެމްކޯ ބައްދަލުކުރާ މެޗަށް ފަހުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް، ލީގުގެ އެއްވަނަ ލިބޭނެއެވެ.
މި މެޗު އޮންނާނީ ހަވީރު 16:15 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.