08 Oct 2012, 21:41
ހުޅުމާލެ ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ނަޝީދު ގާނޫނީ ޓީމުން ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ނަޝީދު ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ނަޝީދު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް މިއަދު މެންދުރު ފަހު ކުރިމިނަކް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށެވެ.
ޝާއިރު ވިދާޅުވީ ރަށު ކޯޓަކުން އެހެން ރަށެއްގައި ހުރި މީހަކަށް ކޯޓަށް ކިޔަން ޖެހޭނީ އެ ރަށެއްގެ ކޯޓެއް މެދުވެރިކޮށްގެން ކަމަށާއި ހުޅުމާލޭ ކޯޓުން ފޮނުވި ޗިޓަކީ ވެސް ގާނޫނާ ހިލާފު ޗިޓެއް ކަމަށެވެ.
"މެޖިސްޓްރޭޓް ކޯޓު ހުންނާނީ ރަށްރަށުގައި. ހުޅުމާލޭ ކޯޓަކީ މެޖިސްޓްރޭޓް ކޯޓެއް ކަމަށްވާ ނަމަ އެ ކޯޓަށް ހާޒިރުވާން އެހެން ރަށެއްގައި އުޅޭ މީހަކަށް ޗިޓު ފޮނުވަން ޖެހޭނީ އެ ރަށެއްގެ ކޯޓު މެދުވެރިކޮށް. އޭގެ މާނައަކީ ކްރިމިނަލް ކޯޓު މެދުވެރިކޮށޭ. އެކަމަކު ހުޅުމާލޭ ކޯޓުން ސީދާ އެ ޗިޓް ފޮނުވާފައި ވަނީ،" ޝާއިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނާ ހިލާފަށް ނަޝީދު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ނަޝީދުގެ ފަރާތުން ކުރިމިނަލް ކޯޓަށް މިއަދު ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި އެ ސިޓީގެ ޖަވާބުގައި ނަޝީދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ކޯޓުގެ އަމުރަށް ކަމަށް ފުލުހުނާ ހަވާލާދީ ކުރިމިނަލް ކޯޓުން ބުނެފައިވާ ކަމަށެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ މީހަކު ހައްޔަރު ކޮށްގެން ގެންނަން ޖެހޭނީ އެމީހަކަށް ޗިޓް ހަވާލު ކުރުމަށް ފަހު ކޯޓަށް ހާޒިރު ނުވުމުން ކަމަށާއި ނަމަވެސް މާދަމާ ހަވީރު އޮންނަ ޝަރީއަތަށް ހާޒިރު ވުމަށް ނަޝީދަށް ޗިޓް ހަވާލު ނުކޮށް ހައްޔަރުކޮށްގެން ނުގެންދެވޭނެ ކަމަށެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށް އެމަނިކުފާނު ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު ހައިކޯޓުގެ ބެންޗުން ބަލައިދިނުމަށް ވެސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހީސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ހައްޔަރު ކުރުމަށް ނެރުނު އަމަރު އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލާފައި ވަނީ ކޯޓު ރަޖިސްޓާ ކަމަށް ވާތީ އެ މައްސައިގައި ހައިކޯޓުގެ ބެންޗުން ގޮތެއް ނިންމުމަށް އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުށަހަޅާފައިވާ ލިޔެކިއުންތައް ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު އަލުން މި ހުށަހެޅީ ހައިކޯޓުން ބަލައިގަނެ އިއްޔެ ފޮނުވާލި މައްސަލައިގައި ހައިކޯޓުގެ ބެންޗުން ގޮތެއް ނިންމައި ދިނުމަށް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ހުޅުމާލެ ކޯޓަކީ ގާނޫނާ ހިލާފު ކޯޓެއް ކަމަށް ވެސް ކަނޑައަޅާދިނުމަށް ވެސް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެމްޑީޕީން ބުނަމުންދަނީ ހައިކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށާއި އެ ކޯޓުން ނެރޭ އަމުރުތަކަކީ ބާތިލު އަމުރުތަކެއް ކަމަށެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ދައުލަތުން ކުރާ ދައުވާގެ ޝަރީއަތަށް ނަޝީދު ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ވަނީ އަމުރު ނެރިފަ އެވެ.
އަދި އެ އަމަރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން ވަނީ ގދ. ފަރެސް މާތޮނޑާގައި ނަޝީދު ހުންނަވަނިކޮށް މިއަދު ހެނދުނު ހައްޔަރުކޮށްގެން ދޫނީދުއަށް ގެނެސްފަ އެވެ.