ކޯޓް އަމުރެއްގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހައްޔަރުކޮށްފައި ވަނިކޮށް، ހުރިހާ ފަރާތްތަކުން ވެސް މަޑުމައިތިރިވުމަށާއި ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް އިހްތިރާމްކޮށް، ގާނޫނު އަސާސީ އާއި ގާނޫނަށް ބޯލެނބުމަށް އެމެރިކާ ސަރުކާރުން ގޮވައިލައިފި އެވެ.

ސްރީލަންކާގައި ހުންނަ އެމެރިކަން އެމްބަސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުރިހާ ފަރާތްތަކުން ވެސް މަޑުމައިތިރިވެ، ހަމަނުޖެހުމަށް ހިއްވަރު ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށާއި މުޖުތަމައުގެ "ޓެންޝަން" މައްޗަށްދާނެ ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ބުނެފައި ވަނީ ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ހުރިހާ ކަމެއް ނަޝީދަށް ލިބިދޭން ވާނެ ކަމަށެވެ.

އެމެރިކާ އެމްބަސީގެ ބަޔާނުގައި ގޮވާލާފައި ވަނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ހިމާޔަތްކުރެވޭނެ ގޮތުގެ މަތިން ކުރިއަށް ދެވޭނެ މަގެއް ހުރިހާ ފަރާތްތަކުން ހޯދަން ޖެހޭނެ ކަމަށެވެ.

ނަޝީދު ހައްޔަރުކުރުމުގައި އެމެރިކާގެ ބައިވެރިވުމެއް އޮތް ކަމަށް ފެތުރިފައިވާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އެމްބަސީގެ ބަޔާނުގައިވެ އެވެ.

އެމެރިކާ އެމްބަސީ އިން ބުނެފައި ވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، އަދި ޕޮލިސް ޕޮރޮފެޝަނަލްކޮށް ތަރައްގީކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އެމެރިކާގެ ލޯއެންޑްފޯސްމެންޓްގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.