ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއި ގުޅިގެން މިއަދު ހެނދުނު ގދ. ފަރެސްމާތޮޑާ އިން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޫނިދޫ އަށް ގެންގޮސްފި އެވެ.

ނަޝީދު ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ހާޒިރުވުމަށް އެންގުމުން ވެސް ކޯޓަށް ހާޒިރުނުވެ އަތޮޅުތެރެއަށް ފުރާވަޑައިގެންފައިވާތީ ނަޝީދު ހައްޔަރުކޮށްގެން މާދަމާ 4:00 އަށް ޝަރީއަތަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން އިއްޔެ ކުރި އަމުރަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ ނަޝީދު ދޫނިދޫއަށް ގެންގޮސްފައި ވަނީ މިރޭ 9:00 ގައި ކަމަށާއި ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރާއި އެއްގޮތަށް މާދަމާ 4:00 އަށް އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށެވެ.

"ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ 9:00 ގައި ވަނީ ދޫނިދޫއަށް ގެންގޮސްފައި. މާދަމާ 4:00 ގައި އޮންނަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް އެމަނިކުފާނު މިއަދު ހައްޔަރުކޮށްފައި ވަނީ. އެހެންވީމަ ހުޅުމާލޭ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރު ތަންފީޒު ކުރުމަށްޓަކައި މާދަމާ އަޅުގަނޑުމެން އެމަނިކުފާނު ޝަރީއަތަށް ހާޒިރު ކުރާނަން،" ހަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު މިއަދު ހައްޔަރު ކުރީ ދިގުމުއްދަތަކަށް ހައްޔަރުކުރުމަށް ނޫން ކަމަށާއި މާދަމާ 4:00 އަށް ނަޝީދު ޝަރީއަތަށް ހާޒިރުކޮށް ނިމުމުން ފުލުހުންގެ ޒިންމާ އަދާކުރެވުނީ ކަމަށެވެ. އަދި ޝަރީއަތަށް ފަހު އިތުރަށް އޭނާ ހައްޔަރުކޮށްފައި ނުބަހައްޓާނެ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނާއި ޚިލާފުގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހއްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 2000ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ތިން އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުން ކަމަށެވެ.