08 Oct 2012, 20:54
ހުޅުމާލޭ ކޯޓްފެ ފަނޑިޔާރުންގެ ބެންޗު މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވާ ގޮތަށް އެ ބޭފުޅުން މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި ނުނިންމަވާ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ފިލްޒާ ވިދާޅުވީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރަކު ހާޒިރު ކުރުމަށް ކުރި އަމުރަކީ ފަނޑިޔާރުންނަށް ރައްދުވާ އަމުރަކަށް ވިޔަސް އެ އަމުރަށް އަމަލު ކުރާނީ މަޖިލީހުގެ ރައީސް އެންގެވުމުން ކަމަށެވެ. ނަމަވެސް އެ އަމުރު އަދި މަޖިލީހުގެ ރައީސް އަށް ލިބިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ރައީސަށް އެ އަމުރު ލިބުމާ އެކު ވީއެންމެ އަވަހަކަށް އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ފިލްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އަމުރާ މެދު ގޮތެއް ނިންމަން އިނގޭނީ އެ އަމުރު ލިބުމުން ކަމަށެވެ.
"ކޮމެޓީން ކުރި އަމުރަކީ މަޖިލީހުގެ ރައީސްގެ މައްޗަށް ކުރި އަމުރެއް. ޕްރޮސެސް އޮންނަ ގޮތުން އެ އަމުރު ނެރުމުން މަޖިލީހުގެ ރައީސް ސޮއި ކުރައްވައި ވަކިގޮތެއް ނިންމަވާނީ. ނަމަވެސް ފަނޑިޔާރުން ހާޒިރު ކުރުމާ މެދު މަޖިލީހުގެ ރައީސް އަދި ގޮތެއް ނުނިންމަވާ. އެކަން ނިންމާނީ އެ އަމުރު ރައީސް އަށް ލިބުމުން ދިރާސާ ކުރެއްވުމަށް ފަހު،" މަޖިލީހަށް ގާނޫނީ ލަފާ ދެއްވުމަށް މިދިޔަ އަހަރު ފަހުކޮޅު މަގާމާ ހަވާލުވެވަޑައިގެންނެވި ފިލްޒާ ވިދާޅުވި އެވެ.
ފިލްޒާ ވިދާޅުވީ ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނެރުނު އަމުރާ ގުޅިގެން މަޖިލީހުގެ ރައީސް އެކަމުގައި ގޮތެއް ނިންމެވުމުން އެކަން ބަޔާންކޮށް މަޖިލީހުން މިރޭ ނޫސްބަޔާނެއް ނެރޭނެ ކަމަށެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓިއަށް ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ބައްލަވާ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން ހާޒިރު ކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގަ އެވެ.
ކޮމެޓީގެ ބައްދަލުވުމަށް ފަހު ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ ފަނޑިޔާރުން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމީ ސުޕްރީމް ކޯޓުން ނެރެފައިވާ ރައުޔަކަށް ރިޔާއަތްކޮށް ކަމަށެވެ. ސުޕްރީމް ކޯޓްގެ އެ ރައުޔުގައިވާ ގޮތުން "މަޖިލީހުގެ ކޮންމެ ކޮމެޓީއަކަށް ވެސް ކޮންމެ މީހަކު ހާޒިރު ކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ރައުޔުއެއް ނެރެފައިވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.