ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ވިކްޓަރީ އަތުން 2-1 ލަނޑުން މޮޅުވެ، ފައިނަލްގެ ފުރަތަމަ ޖާގަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ނިއުރޭޑިއަންޓުންނެވެ. އެލަނޑު ނިއުއިން ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެ ޕެނަލްޓީއަކީ ވިކްޓަރީގެ ރިލްވާން ވަހީދު ނިއުގެ ޒުވާން ކުޅުންތެރިޔާ ނާވީ މުހައްމަދަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ވިކްޓަރީގެ މައްޗަށް ނިއުގެ ލީޑް ފުޅާކުރި ލަނޑު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އެލަނޑު އިމްރާން ވިކްޓަރީ ކޮޅަށް ޖެހީ އޭނާ ޖެހި ސައްޕަކުން ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހި، އެ ބޯޅަ އޭނާ އަތުން ދޫވެގެން ނެވެ.
މިއަދުގެ މެޗުގައި ވިކްޓަރީން ނިއު ކޮޅަށް ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ދެ ވަނަ ހާފް ނިމެންދަނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ ފައުޒާން ހަބީބެވެ.

މެޗަށްފަހު ނިއުގެ ކޯޗް މުހައްމަދު ސިޔާޒް (މޯހަން) ބުނީ، ފުރަތަމަ މެޗުން މޮޅުވެ ފައިނަލުން ޖާގަ ލިބުނު އުފާވާ ކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް ކަމަށެވެ.

"ޓީމްގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މިމެޗުން މޮޅުވުމުން ވަރަށް ހިތް ހަމަޖެހޭ. ޓީމްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެއް. އެންމެ ފަހު ވަގުތާހަމައަށް ވެސް ޓީމް ދެއްކި ކުޅުމާ މެދު ވަރަށް ހިތް ހަމަޖެހޭ" މޯހަން ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި އެގޮތުން ނިއު އިން ޖެހި ދެ ގޯލްގެ ތެރެއިން ފަހު ގޯލަކީ ކީޕަރު ފައިސަލްގެ ފަރުވާ ކުޑަކަމުން ވަތް ލަނޑެއް ކަމަށެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރޭ ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ތިން ވަނަ މެޗުގައި ކުޅެގެން ވިކްޓަރީ އަށް ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.

މިއަދުގެ މެުން ނިއުއަތުން ވިކްޓަރީ ބަލިވިނަމަވެސް މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.