ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މައްސޫރު ދީނީ އިލްމުވެރިޔާ އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ސޮއިކުރައްވައިފި އެވެ.

ޑރ. އަފްރާޝީމް އަލީއަކީ ދިވެހި ގައުމަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އިސްލާމީ އިލްމުވެރިއެއްގެ ގޮތުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވާފައިވެ އެވެ.

ޑރ. އަފްރާޝީމްގެ ތައުޒިޔާގެ ދަފުތަރުގައި މިހާތަނަށް ރައީސް ވަހީދުގެ އިތުރުން ނައިބް ރައީސް މުހައްމަދު ވަހީދުއްދީނާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި ފެންވަރު ބޭފުޅުންގެ އިތުރުން އާއްމުން ވެސް ވަނީ ސޮއިކޮށްފަ އެވެ.

މިދަފުތަރު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 3:00 އިން 6:00 އަށް މަޖިލީހުގެ ގޭގައި ހުޅުވިފައި އޮންނާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.