08 Oct 2012, 20:33
ޔޫއޭއީގައި ކުރިއަށްދާ އޭސީސީ އެލީޓް ކްރިކެޓް މުބާރާތުގައި ރާއްޖެ، މެލޭޝިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ޑުބާއީގެ އައިސީސީ ގްލޯބަލް ކްރިކެޓް އެކަޑަމީގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ ހަތް ވިކެޓުން ނެވެ.
މެޗުގެ ފުރަތަމަ ޓޮސް ދިމާވެގެން ރާއްޖެއިން ކުޅެންއަރާ38 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައވެގެން ހެދުނީ 146 ލަނޑެވެ. މެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި މުހައްމަދު ރިޝްވާން އެވެ.
ނަމަވެސް މެޗުން މޮޅުވި، މެލޭޝިއާ އިން ކުޅެން އަރާ 32 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 147 ލަނޑު ހެދިއެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖެ މިފަހަރު ހިމެނުނީ ގްރޫޕް އޭ ފަޅީގަ އެވެ. އެގޮތުން ރާއްޖެއާ އެކު އެ ގްރޫޕްގައި ދެން ހިމެނޭ އަނެއް ހަތަރު ގައުމަކީ އަފްގާނިސްތާން، މެލޭޝިޔާ، އޮމާން އަދި ބޫޓާނެވެ. މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާ ގައުމުތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ ސައުދިއަރަބިއްޔާ އަދި ކުވައިތެވެ.
މެލޭޝިއާ އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓިއިރު، ރާއްޖޭ ހިމެނޭ ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ އަށް ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދި އަފްގާނިސްތާނާއި ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް މެލޭޝިއާ އެވެ. އޮމާނާއި ރާއްޖެ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު ބޫޓާނަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ވާދަކުރާނީ އޮމާނާ އެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ރާއްޖެ އަށް ފަސް ވަނަ ހޮވާ މެޗުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. ބަލިވެއްޖެ ނަމަ ކުޅެން ޖެހޭނީ ހަތް ވަނަ ހޮވާ މެޗުގަ އެވެ. އެ މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ޓީމްގައި 14 ކުޅުންތެރިން ތިބި އިރު، ޓީމުގެ ކެޕްޓަނަކީ މޫސާ ކަލީމެވެ. އަދި ޓީމުގެ ވައިސް ކެޕްޓަނަކީ އަހުމަދު އަފްޒަލް ފާއިޒެވެ.