ސުޕްރީމް ކޯޓުން ނެރެފައިވާ ރައުޔަކަށް ރިއާޔަތްކޮށް ކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބައްލަވައި ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް "އަމުރު" ނެރުނީ ކޮމެޓީގެ މެންޑޭޓާއި ހިލާފަށް ކަމަށް އެ ކޮމެޓީގައި ޕީޕީއެމް ތަމްސީލުކުރައްވާ، އަހުމަދު ނިހާން ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީން އަމުރު ނެރެފައި ވަނީ މާދަމާ 3:45 އަށް ތިން ފަޑިޔާރުން ކޮމެޓީއަށް ހާޒިރުކުރުމަށެވެ. ކޮމެޓީގެ މުގައްރިރު ތޮއްޑޫދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުން ހާޒިރު ކުރަނީ ކޮމެޓީއިން ދިރާސާ ކުރަމުންދާ ކޯނީގެ ރިޕޯޓުގެ ބޭނުމަކަށް ކަމަށެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ނިހާން ވިދާޅުވީ ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ އެއްވެސް ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިޔަސް އަދި މަޖިލީހުގެ ތަޅުމުގައި ކަމުގައި ވިޔަސް މަޝްވަރާ ނުކުރެވޭނެ ކަމަށެވެ.

"އެމްޑީޕީން ބުނަނީ ހުޅުމާލޭ ކޯޓުގެ އިހުތިސާސް ގަބޫލުނުކުރަމޭ. އެކަމަކު އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރުކުރުމުގެ މެންޑޭޓެއް ނެތް. އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އެމްޑީޕީގެ މެމްބަރުން ޖަޒުބާތުގައި ޖެހިގެން ކުރެއްވި ކަމެއް ކަމަށް އެއީ،" ނިހާންވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީ ކުރިއަށް ގެންގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވޯޓު ނަގަމުން ދިޔަ ވަގުތުގައި ކަމަށާއި އެހެން ކަމުން ޕީޕީއެމްގެ މެމެބަރުންނަށް ކޮމެޓީގައި ބައިވެރި ވެވުނީ ތަންކޮޅެއް ލަހުން ކަމަށެވެ. އަދި މަޖިލީހުން ވޯޓަށް އެހި ވަގުތު ޖަލްސާގައި ބައިވެރި ނުވެ ކޮމެޓީ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އެމްޑީޕީ ބޭނުންވާ ގޮތަށް އެކަން ނިންމުން ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ތިއްބަވަނީ ނިހާންގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު މުހަންމަދު ޝިފާޒާއި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ އާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދާއި ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އެވެ.