މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ޓީޗަރުން އޯޓިޒަމަށް ހޭލުންތެރިކުރުމަށްޓަކައި އީޑީސީ އިން އިސް ނަންގަވައިގެން އިންތިޒާމްކުރި ވާކްޝޮޕް ބާއްވައިފި އެވެ.

މިވާކްޝޮޕް އިފްތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސައިން އެވެ.

ޣާޒީ ބިލްޑިންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ އޯޓިޒަމް ހުންނަ ކުދިންނަށްޓަކައި ކުރެވޭ ހަމައެކަނި މަސައްކަތްތަކަކަށް ވެގެންނުވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި އޯޓިސްޓިކް ކުދިންނަށް ފަރުމާ ކުރެވިގެން މަންހަޖެއް އެކުލަވާލައި އުނގެނުމާއި އުނގަންނައިދިނުމުގެ ވަސީލަތްތައް ފަރުމާކުރަން ޖެހޭ ކަމަށާއި އެ ކުދިންނަށް އުނގެނުމުގެ މާހައުލެއް ތަރައްގީކޮށް އެ ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީންކުރަން ޖެހޭ ކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ.

އޯޓިސްޓިކް ކުދިންނަކީ ވެސް އަޅުގަނޑުމެންގެ މުޖުތަމައުގެ ފަރުދުން ކަމަށާއި އެ ކުދިންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ އެ ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަށް އެންމެން ވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި އިލްހާމް ވިދާޅުވި އެވެ.

ރާއްޖޭގައި މިފަދަ ކުދިން އިތުރުވަމުންދާކަން މިހާރު ވަރަށް ބޮޑަށް ފާހަގަކުރެވިފައި ވުމާއެކު އޯޓިޒަމް ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ސަރުކާރާއި އަމިއްލަ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގައި ކުރިއަށް ނުކުންނަންޖެހޭ ކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.