މި އަހަރުގެ ފިތުރު ޒަކާތް ލިބިގަތުމަށް މާލެ އިން ނަން ނޯޓް ކުރި 9320 މީހުންގެ ތެރެއިން ބޮލަކަށް ބަހަން ކަނޑައެޅި 235 ރުފިޔާ ރެއިން ފެށިގެން އަވަށު އޮފީސްތަކުން ބަހަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައި އިއުލާންކޮށްފައިވާ ގޮތުން މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން 2.31 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރު ލިބުނު ވަރަށްވުރެ 18345.9 ރުފިޔާ ގިނަ އަދަދެކެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 2.29 މިލިއަން ރުފިޔާ އެވެ.


އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒަކާތަށް މި އަހަރު ލިބުނު ފައިސާ ގިނަ ނަމަވެސް ޒަކާތް ދެއްކި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު 91000 އަށްވުރެ ގިނަ މީހުން ޒަކާތް ދެއްކިއަސް މި އަހަރު ދައްކާފައި ވަނީ 84000 މީހުނެވެ.


މި އަހަރު ޒަކާތަށް ދެއްކި ފައިސާގެ އަދަދު އިތުރުވި ނަމަވެސް ބޮލަކަށް ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ވެސް ވަނީ ވަރަށް ބޮޑުތަން ދަށަށްގޮސްފަ އެވެ. އެއީ ކުރީ އަހަރަށް ވުރެ ފަގީރުންގެ އަދަދު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައިވާތީ އެވެ.


މިދިޔަ އަހަރު ފަގީރުގެ ގޮތުގައި މާލެ އިން އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓްކޮށްފައި ވަނީ 2609 މީހުންނެވެ. މި އަހަރު އެ އަދަދު ވަނީ 9320 އަށް އިތުރުވެފަ އެވެ.


މި އަހަރު ފަގީރެއްގެ ބޮލަކަށް މާލެ އިން 235 ރުފިޔާ ބަހަން ކަނޑައެޅި އިރު މިދިޔަ އަހަރު އޭގެ ތިން ގުނަ އިތުރުކޮށް، 792.25 ރުފިޔާ ބަހާފައިވެ އެވެ.


މި އަހަރު ލިބުނު 2.31 މިލިއަން ރުފިޔާ 9320 މީހުންގެ މައްޗަށް ބަހާލުމުން ބޮލަކަށް 248 ރުފިޔާ ޖެހެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ އެ ފައިސާގެ ތެރެއިން އާލިމުންނާއި ޒަރޫރީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ބައެއް ހުސްކުރި ކަމަށެވެ.