ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ރިސޯޓު ސުޕަ ލީގުގެ ފައިނަލުގެ ޖާގަނ. އަތޮޅުގެ ޗެމްޕިއަން، ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޯދިއިރު، ސެމީ ފައިނަލުގައި ދާލުޒޯންގެ ޗެމްޕިއަން ސެއިންޓް ރީޖަސް ވޮއްމުއްޔާއި ސައުތު މާލެ ޒޯންގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލި ބައްދަލުކުރަން ޖެހިއްޖެ އެވެ.

ފައިނަލް މެޗުގައި ވެލާއާ ދެކޮޅަށް ނުކުންނާނީ ސެމީ ފައިނަލުގެ މެޗު ކާމިޔާބުކުރާ ޓީމަކަށެވެ. ފައިނަލުގެ ސީދާ ޖާގަ ވެލާއަށް ލިބުނީ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުންހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ މެޗުތަކަށްފަހު އެންމެ ރަނގަޅު އެގްރިގޭޓް ނަތީޖާއެއް ނެރެގެންނެވެ.

ރިސޯޓު ސުޕަ ލީގުގައި ވެލާ ވަނީބ. އަތޮޅުގެ ޗެމްޕިއަން ފިނޮޅު ސީސައިޑް މޯލްޑިވްސްގެ މައްޗަށް 14-2 ގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ.

ސައުތު މާލޭ ޒޯނުގެ ޗެމްޕިއަން އޮޅުވެލިން ސެމީގެ ޖާގަ ހޯދީ ނޯތު މާލެ ޒޯންގެ ޗެމްޕިއަން ބަރޮސްގެ މައްޗަށް 7-2 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ.

ސެމީގެ ފަހު ޖާގަ ވޮއްމުލިން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އަދި އަރި ޒޯންގެ ޗެމްޕިއަން ކޮންރަޑް ބަލިކުރުމަށްފަހުއެވެ. ކޮންރަޑްގައި ކުޅުނު ފުރަތަމަ ލެގު 3-3 އިން އެއްވަރުވި ނަމަވެސް، އިއްޔެ އަންގްސާނާ ވެލާވަރުގައި ކުޅުނު ދެވަނަ ލެގު 5-2 އިން ކާމިޔާބުކޮށް، ވޮއްމުލިން ކުރިހޯދީ 8-5 ގެ އެގްރިގޭޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު އަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މި ދެ މެޗުވެސް ކުޅުމަަށް ހަމަޖެހިފައިވަނީ ސަން ސިޔާމް އޮޅުވެލީގައެވެ.