ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް، ޤައުމީ ތަރައްޤީގެ ކޮމިޓީން ނިންމެވިގޮތަށް، މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން ފާސްކުރިގޮތާ އެއްގޮތަށް ސައިޓީސް މުއާހަދާގައި ރާއްޖެ ބައިވެރިވެއްޖެނަމަ ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދޫނި ސޫފާސޫފީގެ އިތުރުން ގަސްގަހާ ގެހި ބައިނަލްއަގުވާމީ ވިޔަފާރީގައި ބޭނުން ކުރިއަސް އޭގެ ނަސްލަށް ގެއްލުން ނުވާނެ ގޮތަށް ރާއްޖެއިން އަމަލު ކުރަންޖެހޭނެ އެވެ. އެ މުއާހަދާގައި ވާގޮތުން 33،000 ވުރެ ގިނަ ދިރޭތަކެއްޗަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ތަކެތީގެ ގޮތުގައި ހިމަނާފައިވެ އެވެ.

ސައިޓީސް މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓް ދެއްވީ 42 މެންބަރުންނެވެ. އެ މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

ސައިޓީސް މުއާހަދާ ދިރާސާ ކުރީ ގައުމީ ތަރައްގީގެ ކޮމެޓީންނެވެ. އެ ކޮންވެންޝަން ދިރާސާ ކުރުމަށްފަހު ކޮމެޓީގެ ރިޕޯޓް މަޖިލީހަށް އިއްވެވީ އެ ކޮމެޓީގެ މުގައްރިރު ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ޝަރީފެވެ.

ސައިޓީސް މުއާހަދާގައި ރާއްޖެ ބައިވެރިވުމާމެދު މަޖިލީހުގައި ބަހުސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ އެ މުއާހަދާއަކީ "އިއްޔެނޫން އިހަށް ދުވަހު ވެސް ބައިވެރިވެފައި އޮންނަންޖެހޭނެ ކޮންވެންޝަނެއް" ކަމަށެވެ. އަދި އެ ކޮންވެންޝަންގައި ބައިވެރިވުން ލަސްވެފައިވާތީ އޭނާ ކަންބޮޑުވުންވެސް ފާޅުކުރެއްވި އެވެ.

ސައިޓީސްގައި ބައިވެރިވުމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން ފޯ ނޭޗަރ (އައިޔޫސީއެން) އިން ބައިނަލް އަގުވާމީ ގައުމުތަކަށް ހުޅުވާލާފައި ވަނީ 1975 އަހަރު އެވެ.