08 Oct 2012, 17:48
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަލަށް ވައްދާ ގައިދީންނާއި ޖަލުން ނެރޭ ގައިދީންވެސް އެޗްއައިވީ، އެއިޑްސް އަށް ސްކްރީން ކުރެވޭނެ ނިޒާމެއް ތައާރަފް ކުރާނެ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ގައިދީން ނަށް އަމާޒު ކުރެވިގެން ހިންގި އެޗްއައިވީ ސާވޭ ރިޕޯޓް ނެރުމަށް މިއަދު ޓްރޭޑާސް ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގެ ޖަލުތަކަށް ހުކުމް ކުރެވޭ މީހުންގެ އާބާދީގެ ބޮޑު ޕަސެންޓަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަ ތަކުގައި ހުކުމް ކުރެވޭ މީހުން ކަމަށެެވެ. އަދި ވިދާޅުވީ މަސްތުވާ ތަކެތީގެ ނުރައްކާތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަށްވެސް ޖަލުތަކުގައި ހިންގަން ރާވާފައިވާ ކަމަށެވެ.
"ރާއްޖޭގެ ޖަލުތަކަށް ހުކުމް ކުރެވޭ މީހުންގެ އާބާދީގެ ބޮޑުބަޔަކީ މަސްތުވާ ތަކެއްޗާއި ގުޅުން ހުރި މައްސަލަ ތަކުގައި ޖަލަށް ލެވޭ މީހުން. އެހެންވީމަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ގައިދީން ނަށާއި، އަދި އެމީހުން ބަލަހައްޓާ ފަރާތް ތަކަށްވެސް އަޅުގަނޑުމެން ހިންގާނަން. އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަލަށްލެވޭ މީހުންނާއި ޖަލުން ނެރޭ ކޮންމެ ގައިދީއަކުވެސް އެޗްއައިވީއަށް ސްކްރީން ކުރާނަން އަޅުގަނޑުމެން ވަނީ އެގޮތަށް ނިންމާފައި،" ޖަމީލު ވިދާޅުވި އެެވެ.
އަދި ވިދާޅުވީ ޖަލުތަކުގައި މީހުން ބޭތިއްބުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތް ތަކަށް ވަރަށް ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި ކަމަށާއި، އެގޮތުން ސިއްހީ ގޮތުން ރައްކާތެރިތަނަކަށް އެތަންތަން ހެދުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް އެހެނިހެން ގޮތްގޮތުން ނުރައްކާ އޮތް މިންވަރަށް ސިއްހީ ގޮތުންވެސް އެ ނުރައްކާ އެބައޮތް. އެހެންވީމަ އަޅުގަނޑުމެން ވަރަށްބޮޑު ސަމާލު ކަމެއް ދީގެން ޖަލުތަކުގައި ތިބޭ ގައިދީންގެ ސިއްހީ ކަންތައްތައް ބަލަމުން ދާނަން" ޖަމީލު ވިދާޅުވި އެވެ.