08 Oct 2012, 17:32
ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި ސިވިލް ސޮސައިޓީތައް އަދި ދިރާސާކުރާ އިދާރާތައް ހިންގާނެ ގާބިލު، ލީޑަރުން ބިނާކުރުމަށް އަމާޒުކޮށްގެން ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އިން މާސްޓާސް ޑިގްރީ ކޯހެއް ތައާރަފްކޮށްފި އެވެ. "މާސްޓާސް އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ"ގެ ނަމުގައި އެ ކޯސް ތައާރަފް ކުރީ ގައުމީ ޔުނިވަސިޓީގެ މައި އިދާރާގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ގައުމީ ޔުނިވަސިޓީ އިން ބުނީ މިއަދު ތައާރަފް ކުރި ކޯހުގެ އަމާޒަކީ މަރުކަޒީ ސަރުކާރު އަދި ސަރަހައްދީ ސަރުކާރުތައް (ލޯކަލް ކައުންސިލްތައް) އާއި މަދަނީ ޖަމިއްޔާތަކާއި ދިރާސާކުރާ އިދާރާތަކުގެ ލީޑަޝިޕަށް "މިޑް ކެރިއާޕްރޮފެޝަނަލްސް"ގެ ފެންވަރުގައި ތިބި މީހުން ތަމްރީނުކުރުން ކަމަށެވެ. އަދި މުސްތަގުބަލުގައި އަންނަން ތިބި ލީޑަރުންނަށް އިލްމީ އަދި އަމަލީ އެންމެ މަތީ ފެންވަރުގެ ހުނަރުތައް ލިބި ދިނުމަކީ ވެސް އެ ކޯހުގެ މަގުސަދެއް ކަމަށް ޔުނިވަސިޓީން ބުންޏެވެ.
ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ އެ ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ގައުމީ ޔުނިވަސިޓީގެ ސެންޓަފޯ އޯޕަން ލާނިން ސެންޓަރުގައި ހިންގަން ހަމަޖެހިފައިވާ މާސްޓާސް ކޯސް ހިންގާނީ ޔުނިވަސިޓީ އޮފް ދަ ފިލިޕީންސް އޯޕެން ޔުނިވަސިޓީ (ޔޫޕީއޯޔޫ) އާއި ޔުނިސެފް މޯލްޑިވްސް އަދި ޔުނިސެފް ޝައުތު އޭޝިއާ އަދި ސްރީލަންކާގެ އިންސްޓްޓިއުޓް އޮފް ޕޮލިސީ ސްޓަޑީސްގެ އެހީގަ އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވީ ޔުނިސެފާ ގުޅުން ހުރި މައްސަލަތަކުގައި އެ ޖަމާއަތުން ރާއްޖެ އަށް އެހީތެރިވެދިނުމަކީ ދިގު ތާރީހެއް އޮތް ކަމެއް ކަމަށެވެ. އަދި މިއަދު ތައާރަފް ކުރި ކޯހަކީ އެގޮތުން ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން ހާސިލުވި ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މިއީ މަގުބޫލު ކޯހަކަށް ވާނެ ކަމަށް. އަދި މިއީ ދިރާސާތަކަށް ބިނާކޮށް، އިޖުތިމާއީ ނިންމުންތަކަށް އެހީތެރި ވެދޭނެ، މަފުހޫމީ ގޮތުން އެކަށީގެންވާ އިލްމީ ގޮތުން ރަނގަޅު ކޯހަކަށް ވާނެ ކަމަށް،" ޑރ. ހަސަން ވިދާޅުވި އެވެ.
ޔުނިސެފްގެ ފަރާތުން ރާއްޖޭގައި ހުންނަވާ މަންދޫބު ޒޭބާ ތަންވީރު ބުކާރީ ވިދާޅުވީ ކޯސް ތަރައްގީ ކުރަން ރާއްޖޭގެ ގައުމީ ޔުނިވަސިޓީއާ ގުޅިގެން މަސައްކަތް ފެށުމަކީ ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ އޭޝިއާގައި ފަށާ މިފަދަ ފުރަތަމަ ކޯސް ކަމަށާއި އެހެން ނަމަވެސް އެހެން ކޮންޓިނެންޓްތަކުގައި މިފަދަ އެތައް ކޯހެއް ހިންގަމުންދާ ކަމަށެވެ.
"ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ މިކޯސް އެކަށައެޅުމަށް، އަޅުގަނޑުމެންނަށް ދެވެން އޮތް އެންމެ ރަނގަޅު ޓެކްނިކަލް އެހީ ދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޒޭބާ ވިދާޅުވި އެވެ.
ޒޭބާ ވިދާޅުވީ ކޯސް އެކުލަވާލުމުގައި ކުޑަކުދިންގެ ކަންތައްތައް އެންމެ ކުރީގައި ގެންގުޅުއްވާނެ ކަމަށާއި އެއީ ރާއްޖޭގެ ސިޔާސަތުތައް ކަނޑައަޅާ އިރު ގައުމުގެ މުސްތަގުބަލަށް ރިއާޔަތް ކުރެވޭނެ ކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ކޯހުގައި ގިނަ ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަކަށް ހިންގުމަށް ޓަކައި އޮންލައިން މޮޑިއުލްތަކާއި ކްލާސްތަކާއި ލެކްޗާތައް ވެސް ހިމެނޭނެ ކަމަށް ޔުނިވަސިޓީން ބުންޏެވެ.