ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާއަށް ނަޝީދު ހާޒިރުނުވުމުން ފުލުހުން މިއަދު ނަޝީދު ހައްޔަރު ކުރުމުގައި އަމަލުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

މާދަމާ ހަވީރު 4:00 ޖަހާއިރު އޮންނަ ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމަށް ހުޅުމާލެ ކޯޓުން އިއްޔެ ފުލުހުންގެ މައްޗަށް ކުރި އަމުރާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ ފުލުހުން ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ރަނގަޅަށް އެކަން ގެންދަންޖެހޭ އުސޫލުން ކަމަށެވެ.

"އަޅުގަނޑުދަންނަވާނީ އެކަން ކޮށްފައިވަނީ ވަރަށް ރަނގަޅަށް. އެކަން ގެންދަންޖެހޭ އުސޫލުން ގާނޫނުގައިވާ ގޮތުގެ މަތިން ގަވާއިދުތަކާ އެއްގޮތަށޭ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދާ މެދު ޢަމަލު ކޮށްފައިވަނީ އެހެން އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތާއި ތަފާތުކޮށް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ކުރީގެ މިނިސްޓާ އަބުދުﷲ ހަމީދާ މެދުވެސް ޝަރުއީ ދާއިރާއިން އަމަލުކޮށްފައިވަނީ އެއް އުސޫލަކުން ކަމަށް މަހުލޫފު ވިދާޅުވި އެވެ. ހަމީދު ހައްޔަރުކުރުމަށް، ފުލުހުންގެ މައްޗަށް އަމުރުކޮށް ރެޑް ނޯޓިސް ވެސް ނެރުނު ކަމަށް މަހުލޫފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނާޒިމް ވެސް ހަވާލުވި ހުރިހާ ޗިޓަކަށް ހާޒިރުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ރައީސް ނަޝީދު ކޯޓަށް ހާޒިރުވެވެން އޮތް ނަމަވެސް އެގޮތް ހިޔާރުކުރީ އެމަނިކުފާނު އަމިއްލަ އަށް ކަމަށެވެ. އަދި މިއީ ސިޔާސީ ދައުވާއެއް ކަމަށް ވިދާޅުވާއިރު، ރާއްޖޭގެ ކޯޓުތަކާއި ބޭރުގެ ޖުޑީޝަރީން އެކަމުގެ ޝަރީއަތް ހިންގާނެ ކަމަށް އޭރުވެސް ބުނަމުންދިޔަ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ހުޅުމާލޭ ކޯޓުން ނިންމުމުގެ ކުރިން ވެސް ހުޅުމާލޭ ކޯޓު ހުރި ކަމަށާއި އޭރު އެ ކޯޓުގެ ސައްހަކަމާ މެދު އެމްޑީޕީން މައްސަލަ ޖައްސާފައިނުވާ ކަމަށެވެ.