08 Oct 2012, 16:49
އެޕާޓްމަންޓަކަށް ވަދެ ވައްކަން ކުރި މީހަކު ދޮޅު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ ކުށުގައި ދޮޅު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހ. ކާލި، ޖައުފަރު ވަހީދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މެއި 20، 2007 ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ހ. ޖޭޒުގޭގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ވަދެ ވައްކަންކޮށްފައިވާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
ޖައުފަރާއި ބައިވެރިވެގެން އެތަނުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހ. ވެލަސްފަރުގޭ އަހުމަދު ޝާމިންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތު ނުވާ ކަމަށް މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
ޝާމިންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރި އިރު މިއީ ޖައުފަރުގެ މައްޗަށް ވައްކަމުގެ ކުށް ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.