08 Oct 2012, 16:41
މިހާރަކަށް އައިސް ރާއްޖޭގައި ހިންގާ ވަރަށް ގިނަ ކުށްތައް ކުރަނީ އޭގެ ބަދަލަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ކަމަށް ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑަށް އާންމުވެފައިވާ ދެ ބާވަތުގެ ކުށަކީ ޑްރަކްގެ މައްސަލަ އާއި ގޭންގްތަކުގެ ތަފާތު ހަރަކާތްތައް ކަމަށާއި މި ދެ ބާވަތުގެ ކުށުގައި ވެސް ފައިސާގެ ބޮޑެތި މުއާމަލާތްތައް ހިމެނޭ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.
"ޑްރަގަށް ބެލިކަމުގައި ވީނަމަވެސް ޑްރަގުގެ ފައިސާ އެކި ގޮތްގޮތަށް ބޭންކް ތެރޭންނާއި އެކިތަންތަނުން އެބުރޭކަމަށް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ހަމަ އެއާ އެކީގައި ގޭންގްތަކަށް ވެސް ފައިސާ ދީގެން ކަންތައްތައް ކުރުވާ ކަމަށް މިހާރު އެއޮތް އެންމެ ފަހުން ނެރުނު ރިޕޯޓުން ވެސް އެ އޮތީ ފެންނަން، އެނގެން،" ޖަމީލް ވިދާޅުވި އެވެ.
މިނިސްޓާ އިއްޔެ ވަނީ އެމްއެމްއޭގެ ގަވަރުނަރާއި އެކުވެސް ބައްދަލުކުރައްވާ ފައިސާ ދައުރުވުމުގައި ރާއްޖޭގައި ހުރި މެކޭނިޒަމްތައް ވަރުގަދަކުރުމަށް މަޝްވަރާކުރައްވައިފަ އެވެ.
ޖަމީލް ވިދާޅުވީ އެ ބައްދަލުވުމުން ފާހަގަވި އެއްކަމަކީ ފައިނޭންސްޝިއަލް އިންޓެލިޖެންސް ވަރުގަދަ ކުރުމާއި އަދި މިހާރު ހެދިފައި ހުރި ގަވާއިދުތައް ވަރުގަދަ ކުރުން ކަމަށެވެ. އަދި މަނީލޯންޑްރިން ހުއްޓުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ދެ ފަރާތަށް ވެސް އެއްބަސްވެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑްރަގްގެ ވިޔަފާރި ކުރާ ވަރަށް ގިނަ ބައެއްގެ ޓާގެޓަކަށް ރާއްޖެވެފައިވާ ކަމަށާއި އެ ވިޔަފާރީގެ ފައިސާ އެއާޕޯޓުން ނޫނީ ބޭންކްތައް މެދުވެރިވެގެން ރާއްޖެ އެތެރެކޮށް ބޭރު ކުރަމުންދާ ކަމަށާއި އެ ދޮރުތަކުގައި އަތް އަޅާ ބަންދުކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގައި މިހާރު ހުރި ބޭންކްތާއި އެމްއެމްއޭއާ ދެމެދު އެބަޖެހޭ އަންޑަސްޓޭންޑިންއެއް އޮންނަން. އެހެން ގައުމުތަކަށް ދިމާވެފައި ހުރި ފަދަ ގޮންޖެހުންތައް ވެސް ރާއްޖެ އަށް ހުރިކަން، އެއީ ބެންކުގެ ކަސްޓަމަރުންގެ ހައްގު ހިމާޔަތްކުރުމާ އެކު ކުށްވެރިންނަށް މާލީ އިދާރާތަކުން ކުއްކުރުމަށް މަގުފަހިވާ ތަނަކަށް ބޭންކްތައް ވެގެންނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ބޭންކްތަކުން ވިސްނުން ހުންނަނީ ކަސްޓަމަރުންގެ މައުލޫމާތުތައް އެކަނި ހިމާޔަތްކުރުމަށް ކަމަށާއި ނަމަވެސް އެ ވިސްނުން ބަދަލުކޮށް ބޭންކްތަކުގެ ތެރެއިން ކުށްވެރިން ވެސް ފައިސާގެ މުއާމަލާތްތައް ހިންގާކަން ދެނެގަނެ އެކަން ހުއްޓުވުމަށް އިދާރާތަކަށް ބޭންކްތައް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.
"މިހާ ހިސާބަށް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ވިސްނުމަކީ ކަސްޓަމަރުންގެ ހައްގުތައް ހިމާޔަތްކުރެވިފައި އަދި އެއާއެކީގައި އެކި ކަހަލަ ކުށްތައް ކުރާ ފަރާތްތައް ބޭންކްތަކާ އެހެން ދިމަދިމާލުން ކަންތައްތައް ކޮށްފާނެ ކަމަށް ބެލެވުނު ކަމުގައިވީ ނަމަވެސް ބޭންކްތައް ފަހަތުފަޔަށް ބުރަވެގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކްތައް ވާން ޖެހޭނީ ބޭންކިން ގާނޫނުގައި ބުނާ ފިޔަވަޅުތަށް ތަންފީޒުކުރުމަށް އިދާރާތަކަށް ފުރުސަތުދޭނެ ބަޔަކަށް ކަމަށެވެ. އެހެން ނޫން ނަމަ ކުށްތައް ހުއްޓުވަން އުނދަގޫވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މާލީ އިދާރާތައް މިހާރަވުރެ ވަރުގަދަވާން ޖެހޭކަން ފާހަނގަކުރެއްވި އެވެ.