08 Oct 2012, 16:47
ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާ ބޭހެއް ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ރ. މާކުރަތު ޗަނބޭލީގޭ، މުހައްމަދު މުފައްސިރުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ ޖޫން 11، 2010 ދުވަހުގެ ހަވީރު 6:35 އެހާކަންހާއިރު ގ. ރަނަރުރާގެއާގޭ ބަދިގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން އޭނާ ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެގޭގެ ބަދިގެތެރެއަށް ފުލުހުން ވަތްއިރު އެތާގައި ހުރި މޭޒެއްގެ ކައިރީގައި އޭނާ ނިދާފައި އިންދައި ފެނިގެން އޭނާގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރުމުން ފެނުނު 0.0586 ގްރާމް ޒެނެކްސް އަކީ އޭނާ ގެންގުޅުނުތަކެތި ކަމަށް މުފައްސިރު ބުނެފައިވާ ކަމަށެވެ.
އެހެންކަމުން މުފައްސިރުގެ އިއުތިރާފުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގެ ދަށުން ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުން އޭނާ ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެކުށުގެ އުގޫބާތުގެ ގޮތުން އޭނާ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.