23 Oct 2026, 13:22

އަހަރެމެންގެ އިއްޒަތުގެ ސިއްރަކީ އިސްލާމް ދީން ކަމަށް ބުނެ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަހަރެމެންގެ ދިރިއުޅުން ބައްޓަން ކުރުމަށް މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ، އިސްލާމް ދީނުގެ ނިއުމަތްތަކުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައި ވަނީ އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކާ ކަމަށާއި އެއީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ ހުރިހާ އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީނެއް ކަމަށެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވާކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ކިޔައިދިން ގޮތުގައި، ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ބޭނުންނުވާ މީހުންނެވެ. މިގޮތުން، ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެ ކަމަށް ޚުތުބާގައި ބުނެދީފައިވެއެވެ.

ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ
އެހެން ބުނެ، ޚުތުބާގައި މިސާލު ދެއްކީ، بِلَال رَضِيَ الله عَنْهގެ ހަޔާތް ޕުޅުންނެވެ. އެގޮތުން، އެކަލޭގެފާނަށް ކާފިރުން ދެމުންދިޔަ އަނިޔާ އޭގެ އިންތިހާއަށް ދިޔަ ކަމަށް ޚުތުބާގައި ކިޔައިދިނެވެ. އަދި، އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި، މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ "މާތްﷲ އެއްކައުވަންތައެވެ" މިހެން ކަމަށް ޚުތުބާގައި ކިޔައިދިނެވެ.
"މީގެ އިތުރަށް، މި ދީން ހިމާޔަތްކޮށް ދީނީ ދަޢުވަތު ފެތުރުމަށް މުދަލާއި ފުރާނައިން އެ ބޭކަލުން ކުރެއްވި ޖިހާދުތައް ހަނދުމަކުރާށެވެ! އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ، އެ ކަމާ އުފާކުރާ ޙާލުގައެވެ" ޚުތުބާގައި ކިޔައިދިނެވެ.
ޚުތުބާގައި ބުނި ގޮތުގައި، މާތް ﷲ އަހަރެމެންނަށް މަތިވެރިކަމާއި ޝަރަފުދެއްވީ އިސްލާމް ދީނުގެ ސަބަބުންނެވެ. މި ދީނަކީ، އަހަރެމެންގެ އިއްޒަތުގެ ސިއްރުގެ ގޮތުގައި ސިފަކުރަމުން ޚުތުބާގައި ބުނީ، އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް އަހަރެމެންނަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމް ދީން ކަމަށެވެ.

މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ
މީގެއިތުރުން، މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި، މާތްﷲ އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވާ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް، އެ ކަމުގައި އިހުމާލުވެ ދީނާ ދުރުހެލިވާ ވަގުތުތަކުގައި އެބައިމީހުން ނިކަމެތިވާ ކަމަށާއި މުސްލިމުން ދީނާ ދުރަށްދާ ކޮންމެ ހިނދެއްގައި، އެބައިމީހުންގެ ދުޝްމަނުން އެބައިމީހުންގެ މައްޗަށް ބާރުފޯރުވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ޚުތުބާގައި ވަނީ، އިސްލާމްދީނުގެ މަތިވެރި ނިޢުމަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމަށާއި، ބަހާއި ޢަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދައްކުވައިދީ، ދީނުގެ މަތިވެރި އުޞޫލުތަކުގައި ދެމިތިބުމަށް ގޮވާލާފައެވެ. އަދި، ގޭތެރޭގައްޔާއި ބާޒާރުތަކުގައްޔާއި މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ހަނދާންކޮށްދެމުން ޚުތުބާގައި ވަނީ، މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން، މި މަތިވެރި ދީނުގެ ނޫރުން ހިތްތަކަށް އުފާވެރިކަން ހޯދައިދިނުމަށް ނަސޭހަތްތެރިވެފައެވެ.