23 Oct 2026, 12:36

ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި ރާއްޖެއަށް އިތުބާރެއް ނެތް ކަމަށާއި އިންޑިއާ ނޫން އެހެން ގައުމަކުން ރާއްޖެއަށް އެހީއެެއް ނުލިބޭ ކަމަށް ކުރީ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ، ޚާރިޖީ ސިޔާސަތުގައި ދުރުނުވެވޭނެ ދެ ކަމެއް އޮންނާނެ ކަމަށެވެ. އެ ކަމުގެ ތަފުސީލު ވެސް ޝާހިދު ދެއްވިއެވެ.
"އެއް ކަމަކީ އަޅުގަނޑުމެންގެ އަވައްޓެރިން. ކިތަންމެ ވަރަކަށް ބޭނުންވިޔަސް އެ މީހުން އެ އޮތް ތަނުގައި އޮންނާނެ. ދެވަނަ ކަމަކީ އަޅުގަނޑުމެންގެ ތާރީޚު. ކިތަންމެ ވަރަކަށް އެ ބަދަލުކުރަން އުޅުނަސް އެ ތާރީޚު އެ ގޮތުގައި އޮންނާނެ. އެ ދެ ކަންތައް ބަދަލުކޮށްލަން މަސައްކަތް ކުރީމަ މި ދެވެނީ ނުބައި ތާކަށް." ޝާހިދު ކިޔައިދެއްވިއެވެ.
https://x.com/sunbrk/status/2113299739823485284
ޚާރިޖީ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ވިދާޅުވީ، މި ސަރުކާރު އައީ މުޅި ދުނިޔެއާ ޖެހިގަނެގެން ކަމަށާއި މުޅި ފިލޯސޮފީގައި އޮތީ އެކުވެރި ގައުމުތައް 'ތެޅުވުން' ކަމަށެވެ.
މިސާލު ދައްކަވަމުން އޭނާ ކިޔައިދެއްވި ގޮތުގައި، ޗައިނާއާއި އިންޑިއާ 'ޖެއްސުމަށް' މި ސަރުކާރުން މަސައްކަތް ކުރިއެވެ.

ރައީސް މުއިއްޒާއި މޯދީ: ޝާހިދު ވިދާޅުވީ، ރާއްޖެއަށް އޮތް އިތުބާރު ގެއްލުނީ އިންޑިއާމެދު ކަންކުރި ގޮތުން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް
މީގެއިތުރުން، އިންޑިއާ އައުޓް ޓީޝާޓު ލައްވައިގެން މި ސަރުކާރުގެ އިސް ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާލި ހައްދަވައިގެން އުޅުއްވި ހަނދާން ޝާހިދު އާކުރެއްވިއެވެ. އެކަމަކު، ވެރިކަމަށް އައުމަށް ފަހު ސަރުކާރުން އެހީއަށް އެދުނީ، އިންޑިއާގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެ ގައުމާ ދޭތެރޭ ކަން ކުރި ގޮތް ދުނިޔޭގެ އެހެން ގައުމުތަކުން ބަލަން ތިބިކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ އިތުބާރު އެހެން ގައުމުތަކުގެ މެދުގައި ގެއްލުނީ އެހެންވެ ކަމަށެވެ. އަދި، ރާއްޖޭގެ އަގު އެހެން ގައުމުތަކުގެ މެދުގައި ވެއްޓުނީ ސިޔާސީ ފަސޭހައަށް 'ލާ ހޫރޭ އުސޫލުން' ކަންކަން ކުރުމުން ކަމަށް ޝާހިދު ގަބޫލުކުރައްވައެވެ.
އެއާއެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒަކީ އެންމެ ގިނައިން ރާއްޖޭގެ ބޭރަށް ދަތުރުކުރެއްވި ރައީސަށް ވީ ނަމަވެސް ނެރެވުނު ނަތީޖާއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، އިންވެސްޓުމަންޓު ފޯރަމުތައް ބޭއްވި ނަމަވެސް އިންވެސްޓަރަކު ގެނެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޑިއާ ފިޔަވައި، ބޭރުގެ ގައުމަކުން އެހެން ގައުމަކުން ގެނެވުނު އެހީއެއް ކޮބައިތޯ؟. އެއްކަލަ އިންޑިއާއިންނޭ އަދިވެސް އެހީ މި ދެނީ" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު -- ފޮޓޯ: އެމްޑީޕީ
އެހެން ގައުމުތަކުން އެހީ ނުލިބެނީ ކީއްވެތޯ އެހުމުން ޝާހިދު ވިދާޅުވީ، ރާއްޖެއަށް 'އެއްގޮތަކަށް ވެސް' އެހެން ގައުމުތަކުގެ އިތުބާރެއް ނެތް ކަމަށާއި މި ގައުމަށް އޮތް އިހުތިރާމު ކުޑަވެއްޖެ ކަމަށެވެ. އަދި، ރާއްޖެއާ ގާތްކަން ބާއްވާ ގައުމުތަކަށް އިހުތިރާމު ކުރާ ބައެއްގެ ގޮތުގައި އޮތުން ގެއްލުނީކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވިއިރު، މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ އޮތް ގުޅުން ވަރަށް ގޯސްވިއެވެ.
އެއީ ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ. އޭރު، އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ.
އެކަމަކު، އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.