10 Sep 2010, 05:56
ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބާއްވާ 24 ގަޑިއިރުގެ ހާއްސަ ޓެލެތޯން ޝޯ މިއަދު 10.30 ގައި ފަށައިފި އެވެ. "މޯލްޑިވްސް ހެލްޕް ޕާކިސްތާން" ގެ ކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ރޭޑިއޯ އަކާއި ޓީވީއަކުން އެކުގައި ކުރިއަށް ގެންދާ، މި ޝޯ ހުރިހާ ރޭޑިއޯ އާއި ޓީވީއަކުން ވަނީ އެއްކޮށް ފަށައިފަ އެވެ.
"މޯލްޑިވްސް ހެލްޕް ޕާކިސްތާން" ގެ ކެމްޕޭނުގެ ދަށުން މިއަދު ހަވީރު 4ން ފެށިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިރޭ ގަލޮޅު ދަނޑުގައި ވަރަށް ހާއްސަ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގޮތުން މިރޭ 9 ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އަންހެން ޓީމަކާއި ޕޮލިހާއި އެމްއެންޑީއެފްގެ އަންހެން ޓީމެވެ. ދިހައެއް ޖަހާއިރު ފަށާ ދެ ވަނަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އާއި ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ ޓީމެވެ. ސެލެބްރެޓީސް ޓީމުގައި ހިމެނެނީ މީޑިއާގައި މަސައްކަތްކުރާ މަޝްހޫރު ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ފިލްމީ ތަރިންނާއި ލަވަކިއުންތެރިންނެވެ. ސެލެބްރެޓީސް ފިރިހެން ޓީމުގައި ހިމެނޭ ސަންއެފްއެމްގެ ކުޅުންތެރިންނަކީ ސީއީއޯ ސިނާން އަލީ އާއި ސީއޯއޯ މުހައްމަދު ޝަހީބާއި ސަންއެފްއެމް އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރާއި ސަންއެފްއެމް އޮންލައިންގެ ޑެޕިއުޓީ އެޑިޓަރާއި މެގަޒިންގެ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމެވެ.