08 Oct 2012, 16:35
މ. ކޮޅުފުށީގައި ސަރުކާރުން ގާއިމްކުރި ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
އަބޫދާބީ ފަންޑުން 2.3 ޑޮލަރު (35.46 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެން ގާއިމް ކުރި ކޮޅުފުށީގެ ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓްރީގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބުދުލް މަތީނު މުހައްމަދެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ނުއުމާނެވެ.
ކޮޅުފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް ކުރީ ޝިން ނިޕޯން ލަންކާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާ ހަވާލުކޮށްގެންނެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ނަރުދަމާ ނިޒާމެއް ހިންގައި ބެލެހެއްޓުމަކީ ހަރަދުތަކެއް ހިނގާ ކަމަކަށް ވާތީ އެހިދުމަތް ދިނުމަށް ރައްޔިތުންގެ އަތުން އަގެއް ނަގާނެ ކަމަށެވެ. ނަމަވެސް ނަގާނީ ވަރަށް ކުޑަ އަގެއް ކަމަށާއި ނަގާނެ އަގެއް ކަނޑައަޅާނީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ލަފަޔާ އެކުގައި ކަމަށެވެ.
އަދި ބުނީ ނަރުދަމާ ނިޒާމު ކޮޅުފުށީގެ ގޭގެއަށް ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އދ. މަހިބަދޫއާއި ލ. ފޮނަދޫގެ ނަރުދަމާ ނިޒާމު ވެސް ފެނަކަ ކޯޕަރޭޝަނާ ކުރިން ވަނީ ހަވާލުކޮށްފަ އެވެ. އެދެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ވެސް ފެށީ މިދިޔަ އަހަރު އެވެ.