ސުޕްރީމް ކޯޓުން ނެރެފައިވާ ރައުޔަކަށް ރިއާޔަތްކޮށް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޝަރީއަތް ބައްލަވާ ހުޅުމާލޭ ކޯޓްގެ ބެންޗުގެ ތިން ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރުމަށް "އަމުރު" ނެރެފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ކޯޓްގެ ތިން ފަނޑިޔާރުން ހާޒިރު ކުރަނީ ކޮމެޓީން ދިރާސާ ކުރަމުންދާ ކޯނީ ރިޕޯޓްގެ ބޭނުމަކަށް ކަމަށެވެ. އަދި ކޮމެޓީ އަށް ފަނޑިޔާރުން ހާޒިރު ކުރާނީ މާދަމާ 3:45ގައި ކަމަށެވެ. މާދަމާ ނަޝީދުގެ ޝަރީއަތް ބޭއްވުމަށް ނިންމާފައި ވަނީ 4:00 ގަ އެވެ.

އަލީ ވަހީދު ވިދާޅުވީ ކޮމެޓީ އަށް މީހުން ހާޒިރު ކުރުމަށް މީގެ ކުރިން މަޖިލީހުން އަންގަވަނީ ކަމަށާއި ނަމަވެސް މިހަފަރު ކޮމެޓީން ނެރެފައި ވަނީ "އަމުރެއް" ކަމަށެވެ.

ކޮމެޓީ އަކަށް ފަނޑިޔާރުން ހާޒިރު ކުރެވިދާނެތޯ އަލީ ވަހީދަށް ސުވާލު ދެންނެވުމުން ވިދާޅުވީ "ކޮންމެ ކޮމެޓީއަކަށް ވެސް ކޮންމެ މީހަކު ހާޒިރު ކުރެވޭ ގޮތަށް" ސުޕްރީމް ކޯޓުން ރައުޔެއް ނެރެފައިވާ ކަމަށެވެ.

ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ކަމަށާއި އެ ރިޕޯޓްގައި ޖުޑީޝަރީ އާއި ސަރުކާރާއި މަޖިލީހުން ކުރަން ޖެހޭ ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ބޭނުމަށް ފަނޑިޔާރުން ހާޒިރު ކުރެވިދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ސަރުކާރު މައްސޫލިއްޔަތު ކޮމެޓީއަކީ ފަނޑިޔާރުގެ ޖޭއެސްސީ އާއި ހުރިހާތަނެއް އޯވަސީ ކުރާތަނެއް ނޫން. އެކަން ކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން. އެހެންނަމަވެސް އަޅުގަނޑުމެންގެ ކޮމެޓީގައި އެބައޮތް ކޯނީގެ ރިޕޯޓް. އެ ރިޕޯޓްގައި އެބަ އޮތް ޖުޑީޝަރީއާއި ސަރުކާރާއި މަޖިލީހުން ކުރަން ޖެހޭ ކަންތައްތައް. އޭގެ ދިރާސާގެ ބޭނުމަށް ކޮންމެ ދިވެހިރައްތަކު ގެނަންޖެހިއްޖެއްޔާ ގެނެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެޓީއަށް ކޮންމެ މީހަކު ވެސް ހާޒިރު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ރައުޔު ނެރުއްވާފައިވާ ކަމަށް ވިދާޅުވެ މިސާލު ޖައްސަވަމުން އަލީ ވަހީދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ބްރޯޑްކާސްޓިން ކޮމިޝަން މިއަދު ހާޒިރު ކުރި ކަމަށެވެ. ނަމަވެސް 241 ކޮމެޓީއަކީ ސަލާމަތީ ހިދުމަތްތަކުގެ ބާރުތަކުގެ މީހުން ހާޒިރު ކުރަން އޮންނަ ކޮމެޓީއެއް ކަމަށެވެ.

ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މާދަމާ 2:00 އަށް ކޮމެޓީ އަށް ހާޒިރު ކުރުމަށް ވެސް ނިންމާފައިވެ އެވެ. ހޯމް މިނިސްޓަރު ކޮމެޓީއަށް ހާޒިރު ކުރަނީ ކޯނީގެ ރިޕޯޓްގެ ދިރާސާގެ ބޭނުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރައުޔުއެއް ނެރެފައިވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.