ވެރިފަރާތުގެ ހުއްދަނެތި ގެޔަކަށް ވަތް މީހަކު ހަތަރު މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ، އަބްދުﷲ ޝަރީފްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 5:15 އެހާކަންހާއިރު ހ. މުލަހަގޭ ވެރިފަރާތުގެ ހުއްދަނެތި އެގެއަށްވަދެފައިވާނެކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާކަމަށެވެ.

"އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ އަބްދުﷲ ޝަރީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ދެވަނަ ފަހަރުކަމަށް ވާތީ، މިކުށުގެ އުގޫބާތުގެ ގޮތުން ގާނޫނު ނަންބަރު 68/4 (އާންމު ގާނޫނުތަކެއް) ގެ ހަތަރު ވަނަ މާއްދާ އާއި ހަވާލާދީ، ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޅ. ކުރެންދޫ، ބޮޑުގަސްދޮށުގޭ، އަބްދުﷲ ޝަރީފް ހަތަރު މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، ބަދަލާއި މެދު ދައުވާ ކުރުމުގެ ހައްގު ބަދަލުލިބޭ ފަރާތަށް ލިބިގެންވާކަމަށް އަންގައި މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.