08 Oct 2012, 15:04
ރާއްޖޭގެ ތިން ޖަލެއްގައި ތިބި ގައިދީންގެ ހަށިގަނޑުގައި އެޗްއައިވީ އާއި ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތައް ހުރިތޯ ދެނެގަތުމަށް ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރި ސާވޭއިން އޭގެން އެއްވެސް މީހެއްގެ ގައިގާ އެޗްއައިވީ ނެތް ކަން ހާމަވެފައިވާ ކަމަށް ހެލެތް މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހަންމަދު ވިދާޅުވެއްޖެ އެވެ.
އެ ދިރާސާ ރިޕޯޓް ނެރުމަށް މިއަދު ޓްރޭޑާޒް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލެތް މިނިސްޓަރު ޖަމްޝީދު ވިދާޅުވީ އެއިޑްސް ފަދަ ބަލިތަށް ފެތުރުމުގެ ފުރުސަތު ރާއްޖޭގައިވެސް ބޮޑީ ގައިދީންގެ ތެރޭގައި ކަމަށް ބެލެވުނު ނަމަވެސް އެ ދިރާސަގެ ރިޕޯޓުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. އެޗްއައިވީ އެންމެ ފުރުސަތު ބޮޑީ މަސްތުވުމުގައި ސިރިންޖު ކަށި ބޭނުންކުރާ މީހުންގެ މެދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަލަކީ އެފަދަ އާލާތްތައް ބޭނުންކޮށްގެން މަސްތުވާމީހުން ގިނަ އަދަދަކަށް ތިބިތަނެއް ކަމަށެވެ.
ސާވޭއިން ރަނގަޅު ނަތީޖާއެއް ނިކުތްނަމަވެސް އެޗްއައިވީ ހުންނަ އެންމެންނަކީ ވަގުތުން ހޯދޭނެ ބަޔަކަށް ނުވާތީ ޖަލުގައި މިވަގުތު ތިބި މީހުންގެ ހާލަތު ޔަގީން ކޮށްދެވެން ނެތްކަމަށްވެސް ޖަމްޝީދު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިންވެސް ސިރިންޖު ކަށި ބޭނުންކުރާ މީހުންގެ މެދުގައި މި ބަލި ފެތުމުގެ ފުރުސަތު އެންމެ ބޮޑީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ބަލި އެންމެ ފުޅާކޮށް ފެތުރުމުގެ ދޮރަކީ ޑްރަގްސް،" ޖަމްޝީދު ވިދާޅުވި އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ފެށި އެ ސާވޭ އަކީ އޫއެން އެއިޑްސް އާއި ޔޫއެން ޖޮއިންޓް ޓީމް އޮން އެއިޑްސްގެ ހިލޭ އެހީގެ ދަށުން ހެލްތް މިނިސްޓްރީއާ ގުޅިގެން ކ.މާފުށީ ޖަލާއި، މާލެ ޖަލުގެ އިތުރުން ގާމާދޫ އައްސޭރި ޖަލުގައި ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާވޭއެކެވެ. އެ ޕްރޮގަރާމްގައި 800 ކުއްވެރިން ބައިވެރި ކުރި އެވެ.
ރާއްޖޭގައި އެޗްއައިވީގެ ހާލަތަށް އަލި އަޅުއްވާ ލައްވާ އޭނާ ވިދާޅުވި 1991 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 19 ދިވެއްސެއްގެ ގައިން އެޗްއައިވީ ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން މިހާރު ދުނިޔޭގައިވެސް ނެތް ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރަން ގެންނަ ބިދޭސީންގެ ތެރެއިން 300 މީހެއްގެ ގައިން އެބަލި ފެނިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަމާލު ނުވެއްޖެ ނަމަ ދުނިޔޭގެ ބައެއް ގައުމު ތަކުގެ އާބާދީގެ ބޮޑު ބައެއް މިބަލީގެ ޝިކާރަ އަކަށް ވީ ގޮތަށް ރާއްޖޭގައިވެސް ދިމާވެދާނެ."