08 Oct 2012, 13:01
ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކުރައްވާ އަބުރުގެ ދައުވާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންކާރު ކުރައްވައިފި އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީމް ދައުވާ އިއްވުމުން ނަޝީދުގެ ވަކީލު ހަސަން ލަތީފް ވިދާޅުވީ ނަޝީދު ދައުވާއަށް އިންކާރު ކުރައްވާކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދު ދައުވާ އަށް އިންކާރު ކުރައްވާ،" ހަސަން ވިދާޅުވި އެވެ.
ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިވަޑައިގެން ހަސަން ވިދާޅުވީ ނާޒިމާއި ދިމާލަށް "ބާޣީ ނާޒިމްއޭ" ގޮވައި ނަޝީދު ދެއްކެވި ވަހަކަޔަކީ ހަގީގަތާއި ޚިލާފަށް ދެއްކި ވާހަކައެއް ނޫންކަން ސާބިތުކުރުމަށް ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހަޅަން ބޭނުންވާކަމަށެވެ.
ދައުވާ އިއްވަވަމުން ނާޒިމްގެ ވަކީލު އަރީފް ވިދާޅުވީ ނަޒިމާއި ދިމާލަށް "ބާޣީ ނާޒިމްއޭ" ގޮވުމުން އޭނާގެ ގަދަރާއި ކަރާމާތަށް އުނިކަން އައިސްފައިވާ ކަމަށާއި ނަޝީދުގެ އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.
"އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކައެއް،" އަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ އެ ވާހަކަތަކުގެ ސަބަބުން ގައުމުގެ އަމަންއަމާންކަން ބަލަހައްޓާ ވުޒާރާއެއްގެ އިސް ބޭފުޅަކަށް ހުރެ ރާއްޖޭގެ އަމަން އަމާންކަން ބެލެހެއްޓުމަށް ނާޒިމް ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދި އޭނާއަކީ ޖިނާއީ ބޮޑު ކުށެއް ކޮށްފައިވާ މީހެއްކަމަށް ރައްޔިތުން ހީކުރަމުން ދާކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ބަޔަކު ނާޒިމްގެ ގެކޮޅު ކައިރިއަށް އެއްވެ ގޭގެ މުދަލަށް ގެއްލުންދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.
އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ނަޝީދުގެ ފަރާތުން ނަގައި ދިނުމަށް އެދިވަޑައިގަތުމަށް ފަހު ނާޒިމާއި ގުޅޭގޮތުން ނަޝީދު ދައްކަވާފައިވާ ވާހަކަތައް ހިމެނޭ ސީޑީއެއް ވެސް އަރީފް ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މި މަހުގެ 18 ވަނަ ދުވަހު އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ. އަދި އެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ނަޝީދުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެ ޝަރީއަތް މީގެ ކުރިން ޝެޑިއުލްކުރި ނަމަވެސް ރައީސް ނަޝީދުވެސް އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ބޭފުޅަކުވެސް އެ ޝަރީއަތަށް ހާޒިރުވެފައެއްނުވެ އެވެ. ޝަރީއަތަށް ހާޒިރުނުވުމުން އެ ޝަރީއަތަށް ހާޒިރުވުމަށް އަންގާ ނަޝީދު ދިރިއުޅުއްވާ ގެ، ގ. ގެނެރީގޭގައި އެ ކޯޓުން ރަތް ޗިޓް ހަރުކުރި އެވެ.