ޓެލްއަވީވް (އޮކްޓޯބަރ 8): ތުރުކީގެ އަވަށްޓެރި ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާ ތުރުކީއަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވެ ކުރިމަތިލާންޖެހިދާނެ ހަނގުރާމައަކަށް ތައްޔާރު ތިބުމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

އުރުދުޣާން ތުރުކީގެ ސަރަޙައްދަށް ދެވޭކޮންމެ ޙަމަލާއަކަށް ތުރުކީ ސިފައިން ރައްދުދޭނެ ކަމަށާއި ތުރުކީގެ ޢަސްކަރީ ތައްޔާރީތަކާ މެދު އެއްވެސް ފަރާތަކުން ޝައްކުކޮށްގެން ނުވާނެ ކަމުގަ އެވެ. އުރުދުޣާން މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސޫރިޔާ އިން ތުރުކީގެ ސަރަޙައްދަކަށް މިދިޔަ ހަފްތާގައި ދިން ޙަމަލާތަކެއްގައި ފަސްމީހަކު މަރުވި ޙާދިސާގެ ރައްދުގައި ތުރުކީ ސިފައިން ސޫރިޔާއަށް ޙަމަލާދީފައި ވަނިކޮށެވެ. ނަމަވެސް ތުރުކީގެ ޙަމަލާތަކުގައި އެކަކު ވެސް މަރުވެފައިނުވާ ކަމަށް ޚަބަރު ލިބެ އެވެ.
ތުރުކީގެ ޕާލަމެންޓުން ވަނީ އެ ޤައުމާދެކޮޅަށް ދެވޭ ޙަމަލާތަކުގެ ރައްދުދިނުމުގެ ހުއްދަ ސަރުކާރަށް ދީފަ އެވެ. ނަމަވެސް މީގެމާނައަކީ ތުރުކީން ސޫރިޔާއާ ދެކޮޅަށް ހަނގުރާމަފެށުން ނޫން ކަމަށް އުރުދުޣާން ކުރިން ވިދާޅުވެފައިވެ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން އެމީހުންގެ ޢަސްކަރީ ޙަރަކާތްތައް ހިންގަނީ ތުރުކީގެ ސަރަޙައްދު ބޭނުންކޮށްގެންނެވެ. އަދި މިފަރާތްތަކަށް ބޭނުންވާ ޢަސްކަރީ ތަމްރީންތައް ވެސް ހަދަމުންގެންދަނީ ތުރުކީގެ ބިމުގަ އެވެ. މިމައްސަލާގައި ސޫރިޔާވަނީ ތުރުކީއާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
ތުރުކީއާއި ސޫރިޔާއާދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތަކުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހުގައިވަނީ ބަޙްސު ކުރެވިފައެވެ. މިމައްސަލާގައި ސަލާމަތީ މަޖިލީހުންވަނީ ސޫރިޔާއިން ތުރުކީގެ ސަރަޙައްދަށް ދިން ޙަމަލާ ކުށްވެރިކޮށްފައެވެ. ނަމަވެސް ނަފްސު ކޮންޓްރޯލް ކުރުމަށް މިދެޤައުމަށްވެސް ސަލާމަތީ މަޖިލީހުން ގޮވާލިއެވެ. (އަލްޖަޒީރާ)