08 Oct 2012, 12:49
ޓެލްއަވީވް (އޮކްޓޯބަރ 8): އިސްރާއީލުގެ މަތިން އުދުހެނިކޮށް ވައްޓާލި ޕައިލެޓަކާނުލާ ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓަކީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ބޯޓެއް ކަމަށާ މިއީ އީރާނުގައި އުފައްދާފައިވާ ބޯޓެއް ކަމަށް އިސްރާއީލުގެ ނޫސްތަކުން ބުނެފި އެވެ.
އިސްރާއީލުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޔަދިޢޯތު އަހްރަނޯތު ބުނި ގޮތުގައި މީގެ ތިން ދުވަސްކުރިން އިސްރާއީލުގެ ވައިގެ ސިފައިން ވައްޓާލި މިބޯޓް އުފުހިފައި ވަނީ އިސްރާއީލުގެ ނިއުކްލިޔާ މައި މަރުކަޒު ކަމަށްވާ ދައިމޫނާ ނިއުކްލިޔާ މަރުކަޒު ހުރި އައްނަޤަބް ސަރަޙައްދުން ކަމަށާ މި ބޯޓުގެ ބޭނުމަކީ ދައިމޫނާ ނިއުކްލިޔާ ރިއެކްޓަރާ ބެހޭ ޖާސޫސީ މަޢްލޫމާތު ހޯދުން ކަމަށް ވުން ވަރަށް ގާތްކަމުގަ އެވެ.
އިސްރާއީލުގެ އެހެން ނޫހެއް ކަމަށްވާ މަޢާރީފް ބުނި ގޮތުގައި އިސްރާއީލުން ވައްޓާލި ބޯޓަކީ ހިޒްބުﷲ މެދުވެރިކޮށް އިސްރާއީލަށް ޖާސޫސު ކުރުމަށް އީރާނުން ހިންގާ ޙަރަކާތްތަކުގެ ދަށުން ހިޒްބުﷲ ފޮނުވާލި ބޯޓެއް ކަމަށާ މި ބޯޓު ވައްޓާލުމުގެ ކުރިން ދައިމޫނާ ނިއުކްލިޔާ ރިއެކްޓަރާ ބެހޭ ޖާސޫސީ މަޢްލޫމާތު މިބޯޓުން ހިޒްބުﷲ އަށް ނޫނީ އެޖަމާއަތް މެދުވެރިކޮށް އީރާނަށް ފޮނުވާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ. އިސްރާއީލުން އެންމެ ފަހުން ހިޒްބުﷲއާ ދެކޮޅަށް ކުރި ހަނގުރާމައިގާ ވެސް ހިޒްބުﷲ އިންވަނީ އިސްރާއީލަށް ޖާސޫސުކުރުމުގައި އީރާނުގައި އުފައްދާފައިވާ ޑްރޯން މަތިންދާބޯޓު ބޭނުންކޮށްފަ އެވެ.
އިސްރާއީލުގެ ދެކުނުގެ ސަރަޙައްދުގެ މަތިން އުދުހުނު ޑްރޯން މަތިންދާބޯޓެއް ވައްޓާލިކަން އިސްރާއީލުން ހާމަކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިސްރާއީލުގެ ވައިގެ ދިފާޢީ ބާރުތަކުން މިބޯޓު ވައްޓާލާފައި ވަނީ އިސްރާއީލުގެ ދެކުނުގެ އައްނަޤަބް ސަޙަރާގެ ޖަބަލް ޔަތީރު ސަރަޙައްދަށް ކަމަށްވެސް އިސްރާއީލު ސިފައިން ބުނެފައިވެއެވެ. އީރާނުން ވަނީ ޙަމަލާދޭ ބާވަތުގެ ޑްރޯން މަތިންދާބޯޓް 2010 ވަނަ އަހަރު އުފައްދައި އެކަން ހާމަކޮށްފައެވެ.
އިސްރާއީލާއި އީރާނަކީ އެއްޤައުމުން އަނެއް ޤައުމަށް ޖާސޫސުކުރުމުގެ ޙަރަކާތްތަކެއް ހިންގަމުން ގެންދާ ދެޤައުމެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީފިނަމަ އޭގެ ބަދަލުގައި އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔަރ ރިއެކްޓަރަށް ޙަމަލާދޭނެ ކަަމުގެ އިންޒާރުވެސް އީރާނުން ދީފައިވެއެވެ. އިސްރާއީލުގެ މަތިން ވައްޓާލި ޑްރޯން ނިސްބަތްވާ ފަރާތެއް އަދި ބޯޓު އުފައްދާފައިވާ ޤައުމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. (އަލްޖަޒީރާ)