09 Sep 2010, 21:01
ކީރިތި ގުރުއާން އަންދާލުމަށް ގޮވާލައި، އެމެރިކާގެ ފައްޅިއަކުން ފަށައިފައިވާ ކެމްޕޭން ބައެއް ސިޔާސީ ޕާޓީތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ޓުވިން ޓަވާ ގޮއްވާލި ހާދިސާއަށް ނުވަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނާއި އިސްލާމުންނާ ދެކޮޅަށް ހިތުގައިވާ ދެކޮޅުވެރިކަން ދެއްކުމުގެ ގޮތުން އެމެރިކާގެ ސިޓީއެއް ކަމަށްވާ ފްލޮރިޑާގެ ފައްޅިއަކުން މިމަހުގެ 11 ވާ ހޮނިހިރު ދުވަހު ކީރިތި ގުރުއާން އެންދުމަށް ނިންމައިފައިވާތީ، އެކަން ކުށްވެރިކޮށް، ޑީއާރްޕީ އާއި އަދާލަތު ޕާޓީން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.
ޑީއާރްޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކީރިތި ޤުރުއާން އަންދާލުމުގެ ގޮތުން އިސްލާމްދީނުގެ ޢަދާވާތްތެރިން ބާއްވާ މުނާސަބާއެއް އިޢްލާންނުކުރަމުން އެބަގެންދާ ކަމަށާއި އެބައިމީހުން ކުރަން އުޅޭ ނޭއްގާނީ ޢަމަލަކީ ޝަރުޢީ ވަރަށްބޮޑު ޖަރީމާއެއް ކަމަށެވެ. އެހެންކަމުން އެ ބޮޑު ޖަރީމާ ފާހަގަކުރުމަކީ ޑީއާރުޕީގެ ދީނީ ގޮފީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވުމަށްޓަކައި ކޮންމެ މުސްލިމަކު ވެސް އެ މީހަކަށް ވެވުނު މިންވަރަކުން އެމީހަކަށް ކުރެވުނުހާ މަސައްކަތެއް ޝަރުޢީ އިމުގެ ތެރެއިން ކުރުމުގައި ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަން ފާހަގަކޮށްފައިވެ އެވެ.
ކީރިތި ޤުރުއާނުގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލައި، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ މަތިވެރި ފޮތެއް އަންދާލުމަށްޓަކައި ފައްޅިއަކުން ގޮވާލި ގޮވާލުމަކީ "އިންސާނީ ޙައްޤުތަކާއި އަޚްލާޤިއްޔާތުގެ ތަރަހައިން ބޭރުވެފައިވާ ޙައްދުފަހަނައަޅާފައިވާ ގޮވާލުމެއް" ކަމަށެވެ. އަދި އެގޮވާލުން އެންމެ މަތީ ދަރަޖައިގައި ޢަދާލަތު ޕާޓީން ކުށްވެރިކުރާ ކަމަށާއި އެފަދަ ގޮވާލުމެއް ގޮވާލި މީހުންނަކީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޢަދުލުވެރިކަމުގެ ހަމަތަކާއި އަޚްލާޤީ އުޞޫލުތަކާ މެދު ޣާފިލުވެފައިވާ ބައެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ކީރިތި ޤުރްއާނަކީ އަބަދަށް ދެމިގެންވާ ﷲގެ މަތިވެރި މުޢްޖިޒާތެއް ކަމަށާއި އެ ފޮތް އަންދާލަން މަސައްކަތްކުރުމަކީ އިރަށް ކުޅުޖެހުން ފަދަ ކަމެއް ކަމަށް ވެސް އަދާލަތުން ސިފަކޮށްފައިވެ އެވެ.
މުސްލިމުންގެ ފިތުރު އީދާ ދިމާކޮށް ގުރުއާނުގެ ކޮޕީތަކެއް އެންދުމަށް ފައްޅިއަކުން ތައްޔާރުވަމުންދާ މައްސަލައާ ދެކޮޅަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ، އެކަމަކީ ޕާކިސްތާން އަދި އަފްގާނިސްތާނު ފަދަ މުސްލިމް ގައުމުތަކުގައި ހަމަނުޖެހުންތައް ހިނގައި، އެގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ނޭޓޯގެ ސިފައިންނަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި އެކަން ނުކުރުމަށް އޮބާމާ ގޮވާލެއްވި އެވެ. އެމެރިކާގެ ވެރިންނާއި، ނަސާރާ ދީނުގެ އެންމެ މަތީ ފަންތީގައިވާވެޓިކަން އާއި އަސްކަރިއްޔާ އިން ވެސް އެ ހަރަކާތް ނުބޭއްވުމަށް ގޮވާލާފައިވީ ނަމަވެސް، އެކަން ރާވަމުންދާ ފައްޅިން ބުނަމުންދަނީ، އެކަން ހުއްޓާނުލާނެ ކަމަށެވެ.