އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓާ ޝާހިދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކުންފުނީގެ ކްރެޑިޓް ކާޑެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކޮރަޕްޝަންގެ ދައުވާއެއް ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން މިއަދު ބުނީ ޝާހިދުގެ ކޮއްކޮއެއް ބަލިވެގެން ރާއްޖޭއިން ބޭރުގައި ކުރި ފަރުވާއަކަށް އެސްޓީއޯގެ ކްރިޑިޓް ކާޑު ޝާހިދު ބޭނުންކުރައްވާފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެކޮމިޝަނުން ބެލިއިރު އެސްޓީއޯގެ އެކާޑަކީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަލިބިގެން 2009 ވަނަ އަހަރުގެ ފެެބްރުއަރީ މަހު ޝާހިދު އަލީގެ ނަންމަތީގައި އެ ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ހަދާފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑެއް ކަމަށެވެ.

ނަމަވެސް އެކާޑު ޝާހިދުގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރައްވާފައިވާއިރު ޝާހިދުގެ ކޮއްކޮއެއް ބަލިވެގެން ބޭސް ފަރުވާއަށްކުރި ހަރަދުތަކެއް ހިމެނޭ ކަމާއި އެހަރަދުތައް ކޮށްފައިވަނީ، "އެސްޓީއޯގެ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން އެ ކާޑު އޮންނަ ފަރާތެއްގެ ކޮންމެހެން ކުރަން މަޖުބޫރުވެއްޖެ އަމިއްލަ ހަރަދެއް ކުރެވިދާނެ ކަމަށް" ބަޔާންކޮށްފައިވާ އެކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑް ޕޮލިސީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 11 އޮކްޓޯބަރު 2011 ގައި ފާސްކުރުމުގެ ކުރިން ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެސީސީން ބުނީ އެމައްސަލައިގައި ޝާހިދު އެސްޓީއޯގެ ކްރެޑިޓް ކާޑު ބޭނުންކޮށްފައިވަނީ އެ ކުންފުނީގެ އެހެން މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ މީހުންގެ ބޭސް ފަރުވާއަށް ލޯނުދޫކުރާ އުސޫލުންކަމަށް އެކޮމިޝަނަށް މައުލޫމާތު ދެއްވި ނަމަވެސް ޝާހިދުގެ ކޮއްކޮގެ ބޭސްފަރުވާއަށް އެކާޑު ބޭނުންކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 7 ވަނަ މާއްދާ (ލޯން/އެހީ/ކްރެޑިޓް ސްކީމް) ގެ 7.1 ގެ (ހ) އެއްގޮތަށް ނޫން ކަމާއި އަދި އެ ލޯނު ހޯދާފައިވަނީ އެސްޓީއޯގެ ސްޓާފް ލޯން ކޮމިޓީއަށް ހުށަހަޅައިގެން ނޫން ކަމަށް ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެމައްސަަލައިގައި ޝާހިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 26 ސެޕްޓެމްބަރު 2012 ގައި ޕީޖީއަށް ހުށަހަޅައިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާފައިވާތީ އާއި ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަކަށް ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ޝާހިދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު ހަމަ އެކާޑު އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު އުމަރުގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ވެސް އޭސީސީން ގެންދަނީ ބަލަމުންނެވެ.